މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާހު، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި މިހާރުވެސް މި އޮޕަރޭޝަނާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ތަފްސީލްތައް ލިބޭ މިންވަރަކުން ހާމަކުރާނެ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސްމީހުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އަލިމަގު" އޮޕަރޭޝަންގެ ދަށުން ފުލުހުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ނެޓްވޯކްގެ އިސްމީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ މިދިޔަ މާޗު މަހުގައި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެ ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރިކުރަމުންދާ ކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވެ އެވެ.