އެ މަނިކުފާނު އެހެން ވިދާޅުވީ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން އެއް ކޮޓަރީގެ ފްލެޓުގެ މައްސަލަ އަނެއްކާ ވެސް ތިލަ ކުރުމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލާފައިވާ ނަމަ އެ ބަޔަކަށް ސަރުކާރުގެ އެހެން ހައުސިން ސްކީމެއްގެ ތެރެއިން ތަންތަން ދޫކުރާއިރު ބަލާނީ މިސާލަކަށް އެފްޑީސީގެ 4،000 ފްލެޓުގެ ތެރެއިން ފްލެޓެއް ލިބިފައިވުން ނުވަތަ އެފަދަ ސްކީމަކުން ގޯއްޗެއް ފުރުސަތެއް ލިބިފައިވޭތޯ އެކަންޏެވެ. އެފަދަ ކަމެއް ނެތް ކަމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދު ފުއްދަވާނެ ކަމުގެ ކަށަވަރުކަން ރައީސް ރޭ ވެސް ދެއްވި އެވެ،
ހަމަމިއާއެކު، ރައްޔިތުން އެދެމުންދާގޮތަށް ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން ލިބިފައިވާ އެއް ކޮޓަރީގެ ފްލެޓްތައް ދޫކޮށްލުމަށްފަހު ގޯއްޗަށް ލެވޭނޭގޮތްތައް ހެދުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އަލަތު ކައިވެނިގެ ފްލެޓްތަކަށް ވީގޮތުގެ ތަފްސީލުވެސް ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސް ރޭ ވަނީ ހުޅުމާލެ 3 އާއި ގިރާވަޅުފަޅު އަދި ގުޅިފަޅު ހިއްކުމުގެ ތާވަލް ވެސް ތަކުރާރު ކުރައްވައިފަ އެވެ. ރޭގެ ބައްދަލުވުމުގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް އާންމުން ފާޅުކުރި އެވެ. އެ ހުރިހާ ކަންބޮޑުވުންތަކަށް ޖުމްލަ ގޮތެއްގައި ރައީސް ރޭ ވެސް ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މާާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.