މި ކޮންފަރެންސްގައި ފާސްވެފައިވަނީ، ސައިޓީސް މުއާހަދާގެ އެޕެންޑިކްސް 2 ގައި މިހާތަނަށް އޮތް ފެހުރިހި، އެންމެ މަތީ ދަރަޖައިގެ ހިމާޔަތް ލިބޭ އެޕެންޑިކްސް 1 އަށް ބަދަލުކުރުމަށެވެ. މިއީ ތިމާވެއްޓާއި ދިރުންތައް ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިންޓަނޭޝަނަލް މައިދާނުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި ބަދަލާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރީގެ އުސޫލުން ފެހުރިހީގެ މުއާމަލާތްކުރުން ހަރުކަށިކޮށް މަނާކުރެވޭނެއެވެ. އެޕެންޑިކްސް 1 ގައި ހިމެނެނީ ނެތިދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ދިރުންތަކެވެ. ފެހުރިހީގެ ހިމާޔަތަށް ރާއްޖެއިން ހުށަހެޅި މި ކަރުދާހަށް ދުނިޔޭގެ 16 ގައުމަކުން ވަނީ ކޯ ސްޕޮންސަރުންގެ ގޮތުގައި ތާއީދުކޮށް ބައިވެރިވެފައެވެ. ކޮންފަރެންސްގައި 51 ހުށަހެޅުމެއް ކުރިއަށް ގެންދިޔަ ނަމަވެސް، ރާއްޖޭގެ މި ހުށަހެޅުން ފާސްވެފައިވަނީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކުގައެވެ.
ފެހުރިއްސަކީ ރާއްޖޭގެ ޓޫރިޒަމް އަދި އިގްތިސާދީ ކަންކަމާ ނުހަނު ބޮޑަށް ގުޅިފައިވާ ދިރުމެކެވެ. އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ވެސް ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފެހުރިއްސަކީ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރު ވެސް ހިމާޔަތްކޮށްފައިވާ ދިރުމެކެވެ. ސައިޓީސްގެ މި ނިންމުމާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ މި ދިރުން އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.