މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެކަނިވެސް ވަނީ 27 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ. މިއީ 2025 ވަނަ އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.
މި ފިލްމަށް ލިބުނު ބޮޑު ތަރުހީބާއެކު، މިއީ ރަންވީރުގެ ކެރިއަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ފެށުމެކެވެ. ފިލްމު ބަލަން ސިނަމާތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަދެފައިވާއިރު، ފިލްމުގެ ވިޔަފާރި ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެ ރަނގަޅުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ. ހާއްސަކޮށް ހަފުތާ ބަންދުގައި ފިލްމުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
"އޫރީ: ދަ ސާޖިކަލް ސްޓްރައިކް" ޑައިރެކްޓްކުރި އަދިތިޔާ ދާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވަރުގަދަ އެކްޝަން ތްރަރެކެވެ. މި ފިލްމުގައި ރަންވީރުގެ އިތުރުން ސަންޖޭ ދަތު، އާރް މާދަވަން، އަރްޖުން ރާމްޕާލް އަދި އަކްޝޭ ކަންނާ ފަދަ ހުނަރުވެރި ތަރިން މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މިއީ ޖާސޫސީ ދުނިޔޭގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމުން ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ.
މި ފިލްމު ރިލީޒްކުރުމާއެކު ސޯޝަލް މީޑިއާގައި ފިލްމަށް ތައުރީފުކޮށް ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. ހާއްސަކޮށް ފިލްމުގެ އެކްޝަން މަންޒަރުތަކާއި ތަރިންގެ އެކްޓިންއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތައް ދަނީ ލިބެމުންނެވެ. އިންޑިއާގެ އެކި ހިސާބުތަކުގައި ފިލްމުގެ ޝޯތައް ފުރިބާރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ދުރަންދަރ" ގެ ފެށުން ރަނގަޅުވެފައިވާއިރު، މިއީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ. ފުރަތަމަ ދުވަހު 27 ކްރޯޑް ލިބުމަކީ ބޮލީވުޑްގެ ފިލްމަކަށް މިހާރުގެ ހާލަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފިލްމުގެ އާމްދަނީ 100 ކްރޯޑަށްވުރެ މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.