ސޮނަކްޝީ ބުނި ގޮތުގައި އެ ދެމަފިރިންގެ ކައިވެންޏާ ގުޅުވައިގެން ސޯޝަލް މީޑިއާގަ އާއި އެނޫން ވެސް ގޮތްގޮތުން ދައްކާ ވާހަކަތަކަކީ ހަމައެކަނި "އަޑުތަކެއް" ކަމަށާއި އެކަމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.
މިދިޔަ ޖޫން މަހު ކުރި މި ކައިވެންޏާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ސޮނަކްޝީ ބުނީ، އެހެން ދީނެއްގެ މީހަކާ ކައިވެނި ކުރި ފުރަތަމަ މީހަކީ އޭނާ ނޫން ކަމަށެވެ. އަދި އެއީ އެންމެ ފަހު މީހަކަށް ވެސް އޭނާ ނުވާނެ ކަމަށް ސޮނަކްޝީ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ނިންމުމެއް ކަމަށާއި، އެކަމާ މެދު ގޮތް ކިޔުމުގެ ހައްގު ނުދަންނަ މީހުންނަށް ނޯންނާނެ ކަމަށެވެ.
ސޮނަކްޝީ އިތުރަށް ބުނީ ކައިވެނީގެ ދުވަސްވަރު ސޯޝަލް މީޑިއާގައި ދެކެވެމުން ދިޔަ ވާހަކަތަކުން ދުރުވުމަށްޓަކައި ކޮމެންޓުތައް ވެސް ބަންދުކުރި ކަމަށެވެ. އުފާވެރި ދުވަހެއްގައި ނޭދެވޭ ވާހަކަތައް އަޑުއަހަން ބޭނުން ނުވާތީ، އެފަދަ "އަޑުތައް" ކަނޑުވާލުމަށް ނިންމީ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ބޭނުމަކަށްވީ ހަމައެކަނި އުފާވެރިކަމަށް އިސްކަންދިނުން ކަމުގައި ވެސް ސޮނަކްޝީ ބުންޏެވެ.
ޒަހީރު އިގްބާލް އާއި ސޮނަކްޝީ ކައިވެނި ކޮށްފައިވަނީ ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުއެވެ. މި ކައިވެންޏާ ގުޅިގެން ސޮނަކްޝީގެ އާއިލާގެ ނުރުހުން އޮތް ކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް ކައިވެނީގެ ހަފްލާގައި ސޮނަކްޝީގެ ބައްޕަ ޝަތުރްގަން ސިންހާ ބައިވެރިވެ، ދެމަފިރިންނަށް ހެޔޮ ދުއާ ކޮށްފައިވެއެވެ. މީހުން ކިޔާ އެއްޗިއްސަށް ބެލުމެއް ނެތި، ދެމަފިރިން މިހާރު އުޅެމުންދަނީ ވަރަށް އުފަލުގައި ކަމަށް ސޮނަކްޝީ ވަނީ ހާމަކޮށްފައެވެ.