މި އިނާމް ދޭން ނިންމީ ތުޅާދޫ ސްޕޯޓްސް ކްލަބުންނެވެ. އެ ކަން އެ ކްލަބުން އިއުލާންކުރީ އެރަށުގައި ކްލަބުން ބޭއްވި ގުރުއާން މުބާރާތް ނިންމުމުގެ ޖަލްސާގައެވެ. ތުޅާދޫ ސްޕޯޓްސް ކްލަބުން ބުނީ ތުޅާދޫގެ ފުރަތަމަ ހާފިޒަށް
130،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާކަމަށެވެ. އަދި އެވަރުގެ ބޮޑު އިނާމު ދޭނީ ކުރިއަށް ފަސް އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށް އެންމެ ފުރަތަމަ ހާފިޒަކަށް ވާ މީހާއަށްކަމަށެވެ.
ތުޅާދޫ ކްލަބުން ބުނީ އެ އިނާމްދެނީ އެ ރަށުގައި ގުރުއާން ކިޔަވައިދީ، ތައުލީމަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި މަރުހޫމް އިބްރާހިމް ހުުސެންފުޅާއި އަލީ މުހައްމަދު މަނިކުގެ ހަނދާނުގައިކަމަށެވެ.
ގުރުއާން ހިތުދަސްކުރާ މީހުންނަށް ރަށު ފެންވަރުގައި ބޮޑެތި އިނާމުތައް މިހާރު އަންނަނީ ދެމުންނެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑު އިނާމެްް ހުށައަޅާފައިވަނީ މާލެ އަތޮޅު ހުރައިންނެވެ. އެއީ ދޮޅު ލައްކަ ރުފިޔާއެވެ. މީގެއިތުރުން ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ބ. އޭދަފުށިން ވަނީ 50،000 ރުފިޔާގެ އިނާމެއް ހުށައަޅާފައިވާކަމަށެވެ.