ads
އެމްއެޗް 370: ފޮޓޯ ބީބީސީ
މެލޭޝިއާއިން އާ އުންމީދަކާއެކު އެމްއެޗް-370 ހޯދަން ފަށަނީ
ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަލުން ފެށުމަށް މެލޭޝިއާ ސަރުކާރުން ތައްޔާރުވެއްޖެއެވެ.
Advertisement

މި އާ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ މެރިން ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ "އޯޝަން އިންފިނިޓީ" އާއެކު ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. މެލޭޝިއާގެ ޓްރާންސް ޕޯޓު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގައިވާ ގޮތުން ފައިސާ ދައްކާނީ ބޯޓު ފެނުމުން އެކަނި ކަމަށްވާތީ، މިއީ "ނޯ ފައިންޑް، ނޯ ފީ" އުސޫލުން ހިންގާ މަޝްރޫއެކެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން، 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި 239 މީހުންނާއެކު ކުއަލަ ލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މި ބޯޓުގެ މައްސަލައަކީ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. 

your imageއެމްއެޗް 370 ދަތުރުކުރިކަމަށް ބުނާ ރޫޓު

އާ އޮޕަރޭޝަނުގައި ބޯޓު ފެނިއްޖެނަމަ 70 މިލިއަން ޑޮލަރުގެ ފީއެއް އެ ކުންފުންޏަށް ދިނުމަށް ހުށަހަޅާފައިވާއިރު، މި ފަހަރުގެ މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ އިންޑިއާ ކަނޑުގެ ދެކުނުގެ ފުން ސަރަހައްދުތަކަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު ލިބެން ހުރި ސައެންޓިފިކް މައުލޫމާތާއި، ކަނޑުއަޑި ބެލުމަށް ބޭނުންކުރާ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ބޯޓު ފެނުމުގެ ފުރުސަތު މި ފަހަރު ބޮޑެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެލޭޝިއާގެ ޓްރާންސް ޕޯޓު މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ، ސަރުކާރުގެ އަޒުމަކީ ވީ އެންމެ އަވަހަކަށް ބޯޓު ހޯދައި، އެ ބޯޓުން ދަތުރުކުރި ފަރާތްތަކުގެ އާއިލާތަކަށް ހަގީގަތް ހާމަކޮށްދިނުން ކަމަށެވެ. އެތައް އަހަރެއް ވޭތުވެފައި ވިޔަސް، ސަރުކާރުން މިކަން ހުއްޓާނުލާނެ ކަމަށާއި، މި އާ މަސައްކަތަކީ އެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށާއި ޖަވާބެއް ނުލިބިވާ ސުވާލުތަކަށް ނިމުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް