ގަލްފް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަހަރުގެ ފެސްޓިވަލްގައި އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
ފެސްޓިވަލްގައި ވާހަކަ ދައްކަމުން އައިޝްވަރިޔާ ވަނީ އެތަނަށް ހާޒިރުވެ ތިބި މީހުންނާ މުހާތަބުކޮށް "ސަލާމް އަލައިކުމް، ނަމަސްތޭ" އިން ވާހަކަ ފަށާފައެވެ.
ވަރަށް ހަމަޖެހިލައިގެން ހުރެ އޭނާ ވަނީ ފޭނުންނަށް ހިނިތުންވުމާއެކު، އޭނާގެ ކެރިއަރާއި އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ތެދުވެރި ވާހަކަތަކެއް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި މައިވަންތަކަމާއި މަސައްކަތުގެ ދާއިރާ އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރާ މަސައްކަތާއި، އާންމުން ދެކޭ ގޮތާ މެދު އޭނާ ގެންގުޅޭ ވިސްނުން ހާމަކުރިއެވެ.
އަދި އޭނާ މިސް ވޯލްޑްގެ މަގާމު ހޯދި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ބުނީ، އެއީ އިންޑިއާގެ އަންހެނުން އިންޓަނޭޝަނަލް މައިދާނުގައި ތަމްސީލުކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ބައެއް ސުވާލުތައް މިހާރު ވަރަށް ބޯދާހެން ހީވި ނަމަވެސް، އޭނާ ބޭނުންވީ އަންހެނުންގެ އަޑު އުފުލަން ކަމަށް އައިޝްވަރިޔާ ބުންޏެވެ.
އައިޝްވާރިއާ ރެޑްސީ ފެސްޓިވަލުގައި ހޮލޯވުޑުގެ އަންހެން ތަރިންނާއެކު
ސޯޝަލް މީޑިއާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އައިޝްވަރިޔާ ބުނީ، އެއީ އޭނާގެ އަގު ވަޒަންކުރާ ނުވަތަ ވެލިޑޭޝަން ހޯދާ ވަސީލަތެއް ނޫން ކަމަށެވެ. އޭނާއަށް އެންމެ މުހިންމީ ހަގީގީ ގޮތުގައި ދެމިހުރުން ނުވަތަ އޮތެންޓިސިޓީ ކަމަށް އޭނާ ފާހަގަކުރިއެވެ. މި ފެސްޓިވަލްގައި ބޮލީވުޑްގެ އެހެން ތަރިއެއް ކަމަށްވާ ކްރިތީ ސެނޯން އާއި ޖޮމާނާ އަލްރަޝިދް ވެސް ބައިވެރިވެފައިވާއިރު، މިއީ ފިލްމީ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން ފެނިގެންދާ ފެސްޓިވަލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.