މި ދެ މީހުންގެ ގުޅުން ކަށަވަރުކޮށްދިނީ ޖަޕާނުގައި ތިބެ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކަކުންނެވެ. މިއީ ދުނިޔޭގެ މަޝްހޫރު ދެ ދާއިރާއެއްގެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ގުޅުމެއްކަން ހާމަވުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ލިބިފައެވެ.
ކޭޓީ ޕެރީ އާއި ޓްރޫޑޯ ވަނީ ޖަޕާނުގެ ކުރީގެ ޕްރައިމް މިނިސްޓަރު ފުމިއޯ ކިޝިޑާއާ އެކު ހާއްސަ މެންދުރުގެ ކެއުމެއްގައި ބައިވެރިވެފައވެ. މީޑިއާތަކުން "ޑިޕްލޮމެޓިކް ޑޭޓެއް" ގެ ގޮތުގައި ސިފަކޮށްފައިވާ މި ބައްދަލުވުމުގައި، މި ތިން މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ކޭޓީ ޕެރީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މިއީ ސިޔާސީ ދާއިރާގެ އިސް ބޭފުޅަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ތަރިއަކު މިފަދަ ރަސްމީ ސިފައެއްގައި އެކުގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
ކޭޓީ ޕެރީ ސޯޝަލް މީޑިއާގައި ހިއްސާކުރި މި ފޮޓޯތަކާ އެކު، ފާއިތުވި ދުވަސްތަކުގައި މި ދެ މީހުންނާ ގުޅޭގޮތުން ދެކެވެމުން އައި ވާހަކަތައް މިވަނީ ކަށަވަރުވެފައެވެ. މީގެ ކުރިން ތަފާތު އެކި ހަފުލާތަކުން މި ދެ ބޭފުޅުން އެކުގައި ފެނުނު ނަމަވެސް، ރަސްމީކޮށް ލޯބީގެ ގުޅުން އޮތްކަން ހާމަކޮށްފައެއް ނުވެއެވެ. އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯތަކުން ފެންނަނީ އެ ދެ ބޭފުޅުން ވަރަށް ގާތްކޮށް އަދި އުފާވެރިކޮށް ތިބޭ މަންޒަރެވެ.
މި ވަގުތު ކޭޓީ ޕެރީ ހުރީ އޭނާގެ "ލައިފްޓައިމްސް ޓުއާ" ގެ ކޮންސެޓްތަކެއް ދިނުމަށް ޖަޕާނުގައެވެ. ޓްރޫޑޯ ވެސް މި ދަތުރުގައި ބައިވެރިވަޑައިގަތުމަކީ، އެ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބަދަހިވެފައިވާކަން އަންގައިދޭ ކަމެކެވެ. ކެނެޑާގެ ޕްރައިމް މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމަށްފަހު ޓްރޫޑޯގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް މީޑިއާގެ ސަމާލުކަން ލިބިފައިވާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީއާ އެކު ފެށި މި ގުޅުމަކީ މިހާރު ބައިނަލްއަގުވާމީ މީޑިއާގެ ފަލަސުރުހީތަކުން ޖާގަ ހޯދާފައިވާ ހަބަރެކެވެ.