ސަންޖޭގެ ކުރީގެ އަންހެނުން، ބޮލީވުޑް ތަރި ކަރިސްމާ ކަޕޫރުގެ ދެކުދިންނަށް ސަންޖޭ 1900 ކްރޯޑު ރުޕީސް ދިން ކަމަށް ދެކެވޭ ވާހަކަ އޭނާގެ މަންމަ، ރާނީ ކަޕޫރު ވަނީ ދޮގުކޮށްފައެވެ. ކޯޓުގައި ވާހަކަ ދައްކަމުން ރާނީ ކަޕޫރު ބުނި ގޮތުގައި އެ ފައިސާއަކީ ސަންޖޭގެ އަމިއްލަ މުދަލުން ދިން އެއްޗެއް ނޫނެވެ.
ކޯޓުގައި ހިނގަމުންދާ މި މައްސަލައިގައި ރާނީ ކަޕޫރު ވަނީ ސަންޖޭގެ ތިންވަނަ އަނބިމީހާ، ޕްރިޔާ ސަޗްދޭވްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ރާނީ ކަޕޫރު ބުނި ގޮތުގައި ސަންޖޭގެ އަގުބޮޑު މުދާތައް ޕްރިޔާ ދަނީ ފޮރުވަމުންނެވެ. އޭގެ ތެރޭގައި އަގުބޮޑު ގަޑިތަކާއި ކުރެހުންތައް ހިމެނެއެވެ. އަދި ސަންޖޭގެ މިލްކިއްޔާތުގައި ހުރި ފައިސާ ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރިއެވެ. ސަންޖޭގެ މުސާރައިގެ ގޮތުގައި އަހަރަކު 60 ކްރޯޑު ރުޕީސް ލިބުނު ނަމަވެސް، އޭނާ މަރުވިއިރު އެކައުންޓުގައި ހުރީ އެންމެ 1.7 ކްރޯޑު ރުޕީސް ކަމަށް ދައްކަން ޕްރިޔާ މަސައްކަތް ކުރާ ކަމަށް ރާނީ ކަޕޫރު ކޯޓުގައި ފާހަގަކުރިއެވެ.
މި މައްސަލައިގައި ކަރިސްމާ އާއި ސަންޖޭގެ ދެކުދިން ކަމަށްވާ ސަމައިރާ އާއި ކިއާން ވެސް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ ކުދިން ބުނާ ގޮތުގައި ޕްރިޔާ ކޯޓަށް ހުށަހަޅައިގެން އުޅޭ ސަންޖޭގެ ވަސިއްޔަތަކީ އޮޅުވާލައިގެން ހަދާފައިވާ ވަސިއްޔަތެކެވެ. މިކަމަށް ތާއީދުކޮށް ރާނީ ކަޕޫރު ބުނި ގޮތުގައި ސަންޖޭގެ ބައް ަ ފެށި ވިޔަފާރިއަކުން މަންމައަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް ވަސިއްޔަތް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި މިއީ ސައްހަ ވަސިއްޔަތެއް ނޫން ކަމަށް އޭނާ ވެސް ގަބޫލުކުރެއެވެ.
ކަރިސްމާގެ ކުދިންނަށް ލިބުނު ކަމަށް ބުނާ 1900 ކްރޯޑު ރުޕީސްއާ ގުޅޭ ގޮތުން ރާނީ ކަޕޫރު އިތުރަށް ތަފްސީލު ދިނެވެ. އޭނާ ބުނި ގޮތުގައި އެއީ "އާރްކޭ ޓްރަސްޓް" މެދުވެރިކޮށް ދީފައިވާ ހިއްސާތަކެކެވެ. އެ ޓްރަސްޓަކީ ރާނީ ކަޕޫރުގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއް ކަމަށާއި، އެއީ ސަންޖޭގެ އަމިއްލަ މުދަލުން ދީފައިވާ އެއްޗެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ސަންޖޭގެ މުދަލުން ކުދިންނަށް ހައްގުވާ ބައި ނުލިބޭ ކަމަށް ބުނެ ކުރާ ދައުވާގައި ބުރަދަނެއް ހުރި ކަމަށް ރާނީ ކަޕޫރު ގަބޫލުކުރެއެވެ.
ސަންޖޭ ކަޕޫރުގެ މަރަށްފަހު އޭނާގެ 30،000 ކްރޯޑު ރުޕީސްގެ މުދާ ބެހުމާ ގުޅޭ ގޮތުން އުފެދިފައިވާ މި މައްސަލަ ދަނީ ދިއްލީ ހައިކޯޓުގައި ހިނގަމުންނެވެ. ޕްރިޔާ ސަޗްދޭވް މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރާއިރު، ސަންޖޭގެ މަންމަ އާއި ކުރީގެ އާއިލާ ތިބީ އެއްކޮޅެއްގައެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޯޓުގައި ކުރިއަށްދާނެއެވެ.