ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިދިޔަ މަހުގެ 11 އިން ފެށިގެން ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓްކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށް ދީފައިވާކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިން އަށާއި ސިއްހީފަރުވާ އަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ލިމިޓް ކަނޑައެޅިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ.
އެހެންނަމަވެސް މި ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކުރާކަން ބޭންކަށް ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރާކަންވެސް ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ.
މިގޮތަށް ތިންވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއްކަމަށް ބީއެމްއެލުން ބުނެެެވެ. އަދި މީގެ އިތުރުން ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއްކަމަށްވެސް ބޭންކުން ބުނެއެވެ.
އެހެންކަމުން މިފަދަ މުއާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެކަމަށް ބީއެމްއެލް އިން ނެރުނު ބަޔާނުގައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ބޭރުފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައިކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭނީ، ނަހަމަގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެންކަމަށް ބޭންކުން ބުނެއެވެ.
އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގުމަށް ނުދިނުމަށް ގައުމީ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.