މޯލްޑިވިއަނުން ބުނީ ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ދެ ފަރާތަކާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމާފައިވާކަމަށެވެ. މޯލްޑިވިއަނުން ބުނީ މިތަކެތި ފޮނުވަނީ އެ އެއާލައިނާއި ދަ މަހަލްދީބް ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުރޫޕް ގުޅިގެން ކަމަށެވެ.
މޯލްޑިވިއަނުން ވަނީ މިއަދާއި އަންނަ އަންގާރަ ދުވަހު، އެ އެއާލައިންގެ އެންމެ ބޮޑު ބޯޓު އޭ330ގައި ލަންކާއަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ވެސް ނިންމާފައެވެ.
މިދިޔަ ހަފްތާގައި ސްރީ ލަންކާއަށް އެރި ތޫފާާނުގައި ކުރި ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެކި ގައުމުތަކުން ފައިސާގެ އެހީގެ ގޮތުގައި 6.59 މިލިޔަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ރާއްޖެއިން ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން "ދީތުވާ"ގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ 884،843 ޑޮލަރު (13.6 މިލިއަން ރުފިޔާ) އާއި އިންސާނީ އެހީ ލަންކާގެ ސަރުކާރާ ހަވާލުކޮށްފައެވެ.
ލަންކާ ސަރުކާރާއި ހަވާލުކުރި އެހީ
ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު (771،000ރ.)
ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު (12.8 މިލިއަން ރުފިޔާ)
25،000 ކޭސް މަސްދަޅު (1.2 މިލިއަން ޑޮލަރުގެ އަގުހުރި)
ޓެލަތޯނާއި ސަރުކާރުން ދިން ފައިސާގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފައެވެ. އެގޮތުން ސަން ކުންފުނިން ދެ ލައްކަ ޑޮލަރު ހަދިޔާކުރިއިރު ވިލާއިން ވަނީ އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ޔުނިވާސަލުންވެސް ވަނީ އެއް ލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ.