އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން މިރޭ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންގައި މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކުރިކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ ތަނުގައި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް، ރާއްޖޭގައި އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އިމިގްރޭޝަނުން ވަނީ ބިދޭސީން ދިވެހިން އާއްމުކޮށް ކައި އުޅޭ 'މުރުމުރު' ހަދަމުން ދިޔަ ތަނުގެ ފޮޓޯތައް އާއްމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބީދޭސީންތައް އެތަކެތި ހަދާ ޕެކްކުރަމުން ދިޔަ އެމީހުން ނިދާ ކޮޓަރީގެ ތެރޭގައެވެ.
މުރުމުރު ހަދަމުންދިޔަ ބިދޭސީން ބޭނުން ކުރަމުންދިޔަ ބަދިގެއާއި ފާހާނާ
މީގެއިތުރުން އެމީހުން ބޭނުންކުރަމުން ދިޔަ ފާހާނާވެސް ހުރީ ބަދިގެ ތެރޭގައި އެއްވެސް ހުރަހެއް ވެސް ނެތިއެވެ.
މީގެކުރިންވެސް އިމިގްރޭޝަނުން ވަނީ ދިވެހިން ކާން ބޭނުންކުރާ ބައެއް ތަކެތި ހަޑިމުޑުދާރުކޮށް އުފައްދަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައެވެ.
މުރުމުރު ހަދަމުންދިޔަ ތަނުގައި އުޅެނިކޮށް އަތުލައިގަތް ބިދޭސީންތައް
ހޯމް މިނިސްޓްރީން ވަނީ ދިވެހިންގެ ނިވަލުގައި ތިބެ ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.