މި ފިލްމުގައި ރަންވީރު ލީޑު ރޯލު ކުޅުނު ނަމަވެސް، އަކްޝޭގެ މި ޚާއްސަ މަންޒަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ރަންވީރު އޭނާގެ އިންސްޓަގްރާމްގައި މި ވީޑިއޯ ހިއްސާކުރަމުން ބުނެފައި ވަނީ މިއީ ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ ކަމަށެވެ.
މި ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަނީ ފިލްމުގައި އަކްޝޭ ކުޅޭ ނުބައިބައި ރޯލު ކަމަށްވާ 'ރަހުމާން' ކާރަކުން ފައިބައިގެން އަންނަ މަންޒަރެވެ. އޭނާ ހިނގާފައި އަންނައިރު، އެތަނުގައި ނަށަމުންދިޔަ ގްރޫޕަކާ ބައިވެރިވެ، ވަރަށް ހަމަޖެހިލައިގެން ހުރެ ނަށާލާ މަންޒަރު ފެނެއެވެ. 'ފްލިޕަރާޗީ' ކިޔާ މި ލަވައިގެ މިއުޒިކާއި އަކްޝޭގެ ހަރަކާތްތައް ގުޅިފައިވާލެއް ފުރިހަމަކަމުން، ގިނަ ފޭނުން ބުނަމުންދަނީ މިއީ މުޅި ފިލްމުގައި ވެސް އެންމެ މޮޅު އެއް މަންޒަރު ކަމަށެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ މި ލަވައަކީ "ބެންގާ" އެއް ނުވަތަ ވަރަށް ފޯރިގަދަ ލަވައެއްގެ ގޮތުގައި ސިފަކޮށްފައެވެ. ބައެއް މީހުން ބުނި ގޮތުގައި މުޅި ރޭގަނޑު ހޭދަކުރީ މި ލަވަ ހޯދުމަށެވެ. އަދި އަނެއް ބަޔަކު ވަނީ އަކްޝޭގެ އެކްޓިން އާއި އޭނާގެ 'އޯރާ' ނުވަތަ ސްޓައިލް ވަރަށް ގަދަ ކަމަށް ބުނެ ތައުރީފުކޮށްފައެވެ.ފިލްމު ބެލި ގިނަ މީހުންގެ ނަޒަރުގައި އަކްޝޭގެ މި ކެރެކްޓާއަކީ ފިލްމުގެ ކާމިޔާބީގެ ބޮޑު ހިއްސާއެކެވެ.
'ދުރަންދަރު' އަކީ އާދިތިޔަ ދާރް ޑައިރެކްޓްކޮށްފައިވާ ސްޕައި ތްރިލާ ފިލްމެކެވެ. މި ފިލްމުގައި ރަންވީރު ސިންގު ކުޅެނީ އިންޑިއާގެ ޖާސޫސެއްގެ ރޯލެވެ. އަކްޝޭ ކަންނާގެ އިތުރުން، މި ފިލްމުގެ މުހިންމު ރޯލުތަކުން ސަންޖޭ ދަތު، އަރުޖުން ރާމްޕާލް އަދި އާރް މާދަވަން ފަދަ ތަޖުރިބާކާރު ތަރިން ފެނިގެންދެއެވެ. ފިލްމު ރިލީޒްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮކްސް އޮފީހުގައި ވެސް ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަކީ ގިނަ ތަރިންތަކެއް ހިމެނޭ ބޮޑު ބަޖެޓު ފިލްމަކަށް ވާއިރު، އަކްޝޭ ކަންނާ ފަދަ ތަރިންގެ މޮޅު އެކްޓިންގެ ސަބަބުން ފިލްމަށް ލިބޭ ތަރުހީބު އިތުރުވެފައިވެއެވެ. ރަންވީރު ސިންގު މި ވީޑިއޯ ޝެއާކުރުމަކީ ފިލްމު ޕްރޮމޯޓްކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ލަވަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓްރެންޑް ވެގެންދާނެ ކަމަށް ބެލެވެއެވެ.