އެމަނިކުފާނު މިކަން ހާމަކުރެއްވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައި ކަލާފާނު ސްކޫލުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޝްރޫއުގެ ތަފުސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި ތަރައްގީ ކުރާނީ ޒަމާނީ ފެންވަރުގެ މަސް މާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް އެކުލެވޭހެން މިކްސްޑް ޔޫސް މާރުކޭޓެއް ކަމަށެވެ. މީގެ އިތުރުން، މިހާރުގެ މަސް މާރުކޭޓު ހުރި ސަރަހައްދުގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ އޮފީސް އިމާރާތެއް ބިނާކުރުމަށް ރާވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މާލޭގެ މާރުކޭޓުތަކުގެ ހިދުމަތް ފުޅާކޮށް، އެ ސަރަހައްދަށް ޒަމާނީ ތަރައްގީ ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މާލޭގެ ތަރައްގީއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަތަރު ޕާކިން އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އިމާރާތްތައް އެޅުމަށް ހަމަޖެހިފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ. މާލޭ ސަރަހައްދުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަމުން ގެންދަވަނީ އެ ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގެ މަގުސަދުގައެވެ.