މި ފަހަރު ކެޓްރީނާގެ ބްރޭންޑުން ތައާރަފުކޮށްފައިވަނީ ހަންގަނޑަށް ފައިދާހުރި މާއްދާތައް ހިމެނޭ "ހައިޑްރާ ކްލައުޑް ކުޝަން ފައުންޑޭޝަން" އެކެވެ. މިއީ މޭކަޕް ކުރުމުގެ އިތުރުން ހަންގަނޑު ރައްކާތެރިކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދީގެން އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް އެ ބްރޭންޑުން ބުނެއެވެ.
މި އާ ފައުންޑޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެމުން ކޭ ބިއުޓީން ބުނީ، މިއީ އާންމުކޮށް ބޭނުންކުރާ ފައުންޑޭޝަންތަކާ ޚިލާފަށް ބަރުދަން ލުއި އަދި ގުދުރަތީ ރީތިކަން ގެނެސްދޭ އުފެއްދުމެއް ކަމަށެވެ. މި އުފެއްދުމުގައި ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ހަޔަލުރޮނިކް އެސިޑް އަދި ސްކުއަލީން ހިމަނާފައިވާއިރު، އަވިން ރައްކާތެރިވުމަށް އެސްޕީއެފް 40 ވެސް ހިމެނެއެވެ.ތަފާތު ހަންގަނޑުގެ ކުލަތަކާ ގުޅޭ ގޮތަށް 12 ޝޭޑެއްގައި މި ފައުންޑޭޝަން ލިބެން ހުންނާނެއެވެ.
މި އުފެއްދުން ލޯންޗުކުރުމަށްފަހު ވާހަކަދައްކަމުން ކެޓްރީނާ ބުނީ، އޭނާގެ ބްރޭންޑުގެ މައިގަނޑު އަމާޒަކީ ރީތިވުމަށް ބޭނުންކުރާ ތަކެއްޗަކީ ހަންގަނޑަށް ގެއްލުން ނުދޭ، ފައިދާހުރި ތަކެތި ކަމުގައި ހެދުން ކަމަށެވެ. އަދި އާ ފައުންޑޭޝަނަކީ ދުވަހުން ދުވަހަށް ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ، ހަންގަނޑަށް އަރާމު އިހުސާސެއް ގެނެސްދޭނެ އެއްޗެއް ކަމަށް ކެޓްރީނާ ފާހަގަކުރިއެވެ. ކެޓްރީނާގެ މި ބްރޭންޑަކީ އިންޑިއާގެ މަޝްހޫރު "ނައިކާ" އާ ގުޅިގެން ހިންގަމުން އަންނަ ބްރޭންޑެކެވެ.
ކޭ ބިއުޓީން އަންނަނީ ބައިނަލްއަޤްވާމީ މާކެޓުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ދާދި ފަހުން މި ބްރޭންޑް ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ރީޓެއިލަރެއް ކަމަށްވާ "ސްޕޭސް އެންކޭ" މެދުވެރިކޮށް ޔޫރަަޕްގެ މާކެޓަށް ވެސް ނެރެފައެވެ. އަދި ޔޫއޭއީ ފަދަ ޤައުމުތަކުގައި ވެސް މިހާރު މި ބްރޭންޑުގެ އުފެއްދުންތައް ލިބެން ހުރެއެވެ. ކެޓްރީނާގެ މި ވިޔަފާރި ފުޅާވެ، މިހާރު ކޭ ބިއުޓީގެ 200 އަށް ވުރެ ގިނަ އުފެއްދުން މާކެޓުގައި ލިބެން އެބަހުއްޓެވެ.