ads
ރައީސް ޔާމީނާއި މެމްބަރު ޝުޖާއު
ޔާމީނުގެ ރައްދު ޝުޖާއަށް، 5 މިނެޓް ތާސްކުޅެން އިނދެގެން ބްރިޖު ނިންމީވެސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންނަވަނީ ތާސްކުޅެން" ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
Advertisement

ޝުޖާއު ރައީސް ޔާމީންނަށް ބަހުގެ ހަމަލާތަކެއް ދެއްވީ މި ސަރުކާރުން އުވާލަން ބުނި ވާނުވާ ބަންދު މިހާތަނަށްވެސް އުވާލާފައި ނުވާތީ އެކަމާއި ގުޅިގެން ރައީސް ޔާމީން ފާޑު ވިދާޅުވުމުންނެވެ. 

ރައީސް ޔާމީން ވަނީ ވާނުވާ ބަންދު އުވާލަން ބޭނުންނަމަށް އެކަން ފަސް މިނެޓުން ވާނެކަމަށާއި ވާނުވާ ބަންދު ނުޖަހަން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފަށް، ރައީސް އަންގަވާއިރަށް އެކަން ވާނެކަމަށް ވިދާޅުވެ މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދުދެއްވާ ޝުޖާއު ވިދާޅުވީ ފަސް މިނެޓުން ވާނުވާ ބަންދު ހައްލު ކޮށްދެއްވަން ވިދާޅުވި ރައީސް ޔާމީން ވެރިކަމުގައި ކްރިމިނަލް ކޯޓްގެ ސީލިން ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށް ކަމަށެވެ. އަދި އެމަނިކުފާނު ފަސް މިނެޓް އިންނެވީ ތާސް ކުޅުމުގައިކަމަށެވެ.

ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުމުގައި ރައީސް ޔާމީން ރޭ ވަނީ ޝުޖާއުގެ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ވާނުވާ ބަންދުގެ ޖެހުމުގެ މައްސަލަތައް މިހާރު މިއޮތް މިންވަރަށް ނެތްކަމަށެވެ. ޝުޖާއަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ރައީސް ޔާމީން ރޭވެސް ވިދާޅުވީ ވާނުވާ ބަންދުގެ ކަންކަން ފަސް މިނެޓުން އަދިވެސް ހައްލުކުރެވޭނެކަމަށެވެ. 

ދެން ޔާމީން ވަނީ ފަސް މިނެޓަށް ތާސްކުޅެން އިނދެގެން ގައުމަށް ކޮށްދެވި ކަންކަން ޝުޖާއުއަށް ހަނދާންކޮށްދެއްވާފައެވެ.

"ޝުޖާއަށް އެނގެންވާނެ ތެއްދޯ، ފަސް މިނެޓު ތާސްކުޅެން އިނދެގެން ނޫންތޯ ބްރިޖު ވެސް އަޅައި ނިންމާލީ. ފަސް މިނެޓު ތާސްކުޅެން އިނދެގެން ކޮށްފައި ހުރި ކަންކަން ތިހުރީ ޝުޖާމެންނަށް ފެންނަން،" ޔާމީން ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ފަހު ޔާމީން ވަނީ ޝުޖާއުއަށް މަލާމާތުގެ ރާގަށްވެސް ބައެއް ވާހަކަތައް ދައްކާވާފައެވެ. އެގޮތުން ފަސް މިނެޓް ވަންދެން ތާސްކުޅެން އެމަނިކުފާނު ނީންނަމަ ޝުޖާއުމެން ހޯދާ ނުފެންނާނެކަމަށް ވިދާޅުވެ އޭރު ޝުޖާއު އުޅުނީ ބަގާވާތްކުރަންކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.

"އެހެންވީމާ ތާސް ވެސް ކުޅޭނެ އިނގޭތޯ. ފަސް މިނެޓު ތާސްކުޅެން ނީދެ ގައުމުގެ ތަރައްގީއަށް ހުރިހާ ވަގުތު ދިން ނަމަ ޝުޖާމެން ހޯދާ ނުފެންނާނެ ދެއްތޯ. އޭރު ޝުޖާމެން ކުރަން އުޅުނީ ކީއްތޯ؟ އޭރު ޝުޖާމެން އުޅުނީ ބަޔަކާ ގުޅިގެން ރައީސް ޔާމީން މަގާމުން ދުރުކުރެވޭތޯ. ތުހުމަތުތަކަކާއި އެކު ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފުން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގައި އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް