އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓްގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް، އެކުވެރިކަމާ އެކު މަސައްކަތް ކުރުމުގެ ރޫހު ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން 12 ދާއިރާއަކުން 36 މުވައްޒަފަކަށް އެވޯޑް ހަވާލުކުރިއިރު، ދިގު މުއްދަތަށް ހިދުމަތްކުރި 70 މުވައްޒަފަކަށް ވެސް ވަނީ އެވޯޑް ދީފައެވެ.
މީގެ އިތުރުން މި ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް" ލިބިވަޑައިގަތީ ކުންފުނީގެ ޓެކްނިކަލް މެނޭޖަރު ހަސަން ޝަފީގަށެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި އެމްޑީ މަތީން އަދި ކުންފުނީގެ ބޯޑު މެންބަރުންނެވެ.
މަތީން ވަނީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ދެމުން އަންނަ އަސާސީ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، މިއަދު އެމްޑަބްލިޔުއެސްސީ ހިންގަމުން އަންނަނީ 100 ޕަސަންޓު ދިވެހިންގެ މެނޭޖްމަންޓެއްގެ ދަށުންކަން މަތީން ފާހަގަކުރެއްވިއެވެ. ކުންފުނީގެ އަމާޒަކީ މުވައްޒަފުން ބާރުވެރިކޮށްގެން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.