މި ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އުސޫލުތަކާ ހިލާފަށް، ކައުންސިލުން ކުރި މި ދަތުރުތަކުގައި މަގްސަދާ ނުގުޅޭ ކަންކަމަށް ވަނީ ފައިސާ ހަރަދުކޮށްފަ އެވެ.
މީހުން ނޫޅޭ ފަޅު ރަށްރަށަށް ދިއުމަކީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބަލައި ތަޖުރިބާ ހޯދުމުގެ ދަތުރަކާ އެއްވެސް ގޮތަކަށް ގުޅޭ ކަމެއް ނޫން ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކައުންސިލުން ކުރި ދަތުރުތަކަށް ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، އޭގެ ތެރެއިން 13،307 ރުފިޔާ ހަރަދުވި ގޮތުގެ ސައްހަ ބިލްތައް ފެންނަން ނެތްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ދަތުރުތައް ކޮށްފައި ވަނީ ދަތުރުތައް މަޑުޖައްސާލުމަށް އަންގައި ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާތަކަށް އަމަލުކުރުމެއް ނެތިކަން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.