ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް އައްޔަންކުރި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) މަރުހާ ވިދާޅުވެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދެމެދު މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އުފެއްދުނު ހިޔާލުތަފާތުންވުންތަކަށް ފަހު އެޕާޓިން ވަކިވެވަޑައިގަތުމަށްފަހު ރައީސް ނަޝީދު އެމަނިކުފާނުގެ ބައިވެރިންނާއި އެކު އަލުން ވަނީ ޕާޓީއަށް ގުޅިވަަޑައިގެންފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ތެރޭގައި ދެ ޕެކްޝަން އުފެދި ކައުންސިލް އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ.
ރައީސް ނަޝީދު އެފްބީގައި ކުރި ޕޯސްޓުގައި ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީއަށް ދޭންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެކަމަށެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
އިންތިހާބުގެ ފޯރި މިހާރުވެސް ވަނީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ގަދަވެފައެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ކެމްޕެއިން ޕާޓީ ތެެރޭ ފެށި ސާލިހާ ނަޝީދު ފެކްޝަނުން އަންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް މިހާރުވެސް ދެމުންނެވެ.
އެޕާޓިން މޭޔަރު ޕްރައިމެރީގައި ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. ދެ ޕެކްޝަނެއް އޮތް އެމްޑީޕީގައި އާދަމް އާޒިމް ހުންނެވީ ސާލިހް ފަޅީގެ ތާއީދާއެކުއެވެ. އަލީ އާޒިމް ހުންނެވީ ނަޝީދުގެ ފަޅީގެ ތާއީދާއެކުއެވެ.