މިއީ މާލޭގެ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، ރައްޔިތުންގެ އަޑުއެއްސެވުމަށް ރައީސް ކުރައްވަމުން ގެންދަވާ ސިލްސިލާ މަސައްކަތްޕުޅުގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ގަލޮޅުގެ ރައްޔިތުންނަށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ރީހާން ނާޒިމް މައުލޫމާތު ދެއްވި ގޮތުގައި، ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވާނީ މި ހިނގާ މަހުގެ 16 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައެވެ. އިމާދުއްދީން ސްކޫލުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ އަވަށުގެ އެންމެހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ސިލްސިލާގެ ދަށުން ރައީސް މީގެ ކުރިން ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުން ކުރާ ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވައި، ރައްޔިތުންގެ ހުށަހެޅުންތައް އައްސަވައި، ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވައެވެ.