ads
ކުރީގެ ސީޕީ ހަމީދު
އަވައްޓެރި ފުލުހުންގެ ނިޒާމާއި ބޯޑު އުވާލަން އުޅޭތީ ހަމީދުގެ ފާޑުކިޔުން
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ސަރުކާރުން ގެންނަން މަސައްކަތް ކުރަމުންދާ އިސްލާހުތަކުގެ ތެރޭގައި ޕޮލިސް ބޯޑު އުވާލުމާއި، އަވައްޓެރި ފުލުހުންގެ ފަލްސަފާ ގާނޫނުން އުނިކުރުން ހިމެނޭތީ، އެކަމާ މެދު ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
Advertisement

ހަމީދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ޕޮލިސް ބޯޑު އުވާލުމަކީ ބައިނަލްއަގުވާމީ ޑިމޮކްރެޓިކް ހަމަތަކާ ފުށުއަރާ، އަދި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

 

ހަމީދު ވިދާޅުވި ގޮތުގައި ފުލުހުންގެ ބޯޑު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދި ރައްޔިތުން އިތުބާރުކުރާ ހިދުމަތަކަށް ފުލުހުންގެ މުއައްސަސާ ހެދުމެވެ. މި ބޯޑު އުވާލައިފި ނަމަ، ދިގު މުއްދަތަކަށް ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބޭކާރުވެ، ކުރު މުއްދަތުގެ ސިޔާސީ ފިއްތުންތަކަށް މުއައްސަސާ ހުށަހެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ޕޮލިސް ބޯޑަކީ ލީޑަޝިޕް ހިންގުމަށް އޮތް ދަތި ކަމެއްގެ ގޮތުގައި ދެކުނަސް، ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަން ހަމީދު ފާހަގަކުރެއްވި އެވެ.

ޕޮލިސް ބޯޑުގެ އިތުރުން، ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ "އަވައްޓެރި ފުލުހުންގެ ހިދުމަތް" ނުވަތަ ނެއިބަހުޑް ޕޮލިސިންގެ ކޮންސެޕްޓް ވެސް ގާނޫނުން ފޮހެލަން މަސައްކަތް ކުރާތީ ހަމީދު ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ހަމީދު ގަބޫލުކުރައްވާ ގޮތުގައި ޕޮލިސް ބޯޑު އުވާލުމުގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ އެ ބޯޑު އިތުރަށް ހަރުދަނާކޮށް، މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ. އެންމެ ފުރަތަމަ 2021 ވަނަ އަހަރު އުފެއްދި ޕޮލިސް ބޯޑަކީ ކޮމިޝަނަރު އައްޔަންކުރުމާއި ތަހުގީގީ މިންގަނޑުތައް ކަނޑައެޅުން ފަދަ ބާރުތައް ލިބިފައިވާ ހަތް މެމްބަރުންގެ ބޯޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް