ވައިގެ ސާފު މިންވަރު ބަލާ "އައިކިއު އެއާ" ގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ ވައިގެ ތެރޭގައި ނުރައްކާތެރި މާއްދާތައް ނުވަތަ "ފައިން ޕާޓިކިއުލޭޓް މެޓާ" ހުރި މިންވަރު ވަނީ ރައްކާތެރިކަމަށް ބަލާ މިންވަރަށްވުރެ 8.3 ގުނަ މައްޗަށް ގޮސްފައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ސަމާލުވާންޖެހޭ ފަދަ ނުރައްކާތެރި މިންވަރެކެވެ.
މި ދުވަސްވަރަކީ އިރުވައި މޫސުން ފެށި، ރާއްޖޭގެ މޫސުން ބަދަލުވަމުންދާ ދުވަސްވަރު ކަމަށްވާތީ އިންޑިއާ އާއި ހިމާލަޔާ ސަރަހައްދުން ޖެހޭ ވައިގެ ސަބަބުން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ފުސްވެފައެވެ. އުތުރުން ޖެހޭ ވައިގެ ތެރޭގައި ހިރަފުހާއި ދުމުގެ އަސަރު އެކުލެވޭތީ، މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވެސް ވަނީ މީގެ އަސަރުކޮށްފައެވެ. މި ހާލަތުގެ ސަބަބުން ލޮލަށް ފެންނަ ހިސާބު ނުވަތަ "ވިޒިބިލިޓީ" ކުޑަވެފައިވާއިރު، ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ މީހުންނާއި ކުޑަކުދިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރު ދެއެވެ.
ވައި ނުސާފުވުމުގެ މައްސަލަ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކުރެވެއެވެ. "އައިކިއު އެއާ" އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު ވައިގެ ކޮލިޓީ މިހާރަށްވުރެ ދަށްވުން އެކަށީގެންވެއެވެ. ވައި ނުސާފުވުމަކީ ފުއްޕާމެއާއި ލޭގެ ތެރެއަށް ނުރައްކާތެރި މާއްދާތައް ވާސިލުވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ކަމެއް ކަމުގައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.