މި މަސައްކަތް ކުރިއަށް ގެންދާނީ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ގުޅިގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ކަމުގެ އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.
މި ޕްރޮގްރާމުގެ ދަށުން "ޕްރެކްޓިކަލް މަނީ ސްކިލްސް" ގެ ނަމުގައި ހިންގާ ސެޝަންތަކުގައި، ދަރިވަރުންނަށް ފައިސާ މެނޭޖުކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. އޭގެ ތެރޭގައި ބަޖެޓު ކުރުމާއި، ފަހަށް ފައިސާ ރައްކާކުރުމާއި، ދަރަނި ހެޔޮ ގޮތުގައި ބަލަހައްޓާނެ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ވިޔަފާރީގެ މުއާމަލާތްތަކާއި ވިޔަފާރި ހިންގުމުގެ ހުނަރުތައް ކިޔައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ޒުވާނުންނަށް މާލީ ކަންކަމުގައި ރަނގަޅު ގޮތްތައް ދަސްކޮށްދިނުމަކީ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އަންނަން އޮތް ޖީލަކީ މާލީ ކަންކަމަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމަށް މި ޕްރޮގްރާމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން އަންނަނީ ސްކޫލުތަކާ ގުޅިގެން މިހާރު ވެސް މިފަދަ ގިނަ ސެޝަންތަކެއް ބާއްވަމުންނެވެ.