އެ އިދާރާއިން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައި ވަނީ ބިދޭސީން ރާއްޖޭގައި ތިބެންވާނީ އެ މީހުންނަށް ދޫކޮށްފައިވާ ހުއްދައިގެ ދާއިރާގެ ތެރޭގައި ކަމަށާއި، އެއާ ހިލާފު ވުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކަމާ ބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި، އަތުގައި ސައްހަ ވިސާއެއް އޮތް ނަމަވެސް ހުއްދަ ދީފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރާ މީހުން ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ. ވަކިން ހާއްސަކޮށް "އޯޕަން ވިސާ" ގެ ނަމުގައި މިނިވަންކަމާ އެކު އަމިއްލަ މަސައްކަތްކޮށް ބޮޑެތި މާލީ ފައިދާ ހޯދަމުންދާ ބިދޭސީން ދެނެގަނެ، އެ މީހުން ހިފަހައްޓައި ޑީޕޯޓު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަކީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން އުޅޭ މީހުންނާއި އެ މީހުން ލައްވައި މަސައްކަތް ކުރުވާ ފަރާތްތައް ޖަވާބުދާރީކުރުވައި، ގާނޫނީ ފިޔަވަޅު އެޅުމުގައި ދެމިތިބޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.