"ތިއީ މިހައި ތަނަށް ދިމާވި، އެންމެ އެންމެ ސްޕެޝަލް ގަރލް..!" ކިސްވާގެ ކޮލުގައި ޝައްޔާންގެ ބޮޑުވައި އިނގިލިން ފިރުމާލި އެވެ. ހިނިތުންވަމުން ޝައްޔާން ބުނެލިއިރު ކިސްވާގެ ދެލޮލުގެ ވިދުން ބަބުޅާލައިފި އެވެ.
މިދުނިޔޭގައި ﷲތައާލާ ލެއްވި އެންމެ މާތް ގުޅުމުގެ ލޮބުވެތި ހުރިހައި އިހްސާސެއް އެދެމެދުގައި އުތުރި އަރަމުން ދިޔަކަށް، އެ ދެ ހިތަށް އެނގޭނަމަ އެވަގުތުގެ ހާލަތު ބަދަލުވެގެން ދާނީ ކިހިނެއްކަން އަންދާޒާ ކޮށްލުމަކީވެސް އިންސާނެއްގެ ސިކުނޑިއަށް ވަޒަންކުރެވޭނެ ކަމެއް ނޫނެވެ.
"ކިސްވާގެ ކޮންމެ ހަރަކާތެއް، ބުނެލާ ކޮންމެ އިބާރާތެއް ގުޅެނީ، އަހަރެންގެ ވަރަށް ހާއްސަ ފަރާތަކާ.. އެކަމަކު އެއީ މާޒީ.." ހިތުގައި ޖަހައިލި ވިންދުގެ ރިހުން ލުއި ކުރެވޭތޯ ކިސްވާގެ ހަށިގަނޑު ޝައްޔާންގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ.
އަހަރުތަކަކަށްފަހު ކިސްވާއަކީ ޝައްޔާންއަށްޓަކައި ފޮނުއްވި ނިއުމަތެއްކަމުގައި އޭނާ ބަލައިގަތްފި އެވެ. ކުރެވެމުންދިޔައީ ބާރުގަދަ އިހްސާސްތަކެކެވެ.
"ޔޫ އާރ ދި ބެސްޓް ފޭކް ޕާޕާ..!" ލޯބި ހިނިތުންވުމަކާއެކު ކިސްވާ ބުނެލީ މަޖާވެލާފަ އެވެ.
ޝައްޔާންގެ އަނގަހުޅުވި، ދެ ބުމަ މައްޗަށް ހިއްލާލި އެވެ.
"ފޭކް ޕާޕާ..؟ އަދިވެސް..؟ ސީރިއަސްލީ..؟ ފޭކް ކަނޑާލަންވީ ނުން..؟" މަޑުމަޑުން ޝައްޔާން ސުވާލުކުރި އެވެ.
"ކިސްވާގެ އަމިއްލަ ތުންފަތުގައި އޭނާގެ ކަނާއަތުގެ ޝަހާދަތް އިނގިލި ހުރަސްކޮށްލި އެވެ.
"ޝްޝްޝްޝްޝޝ..!! އެއީވެސް އަހަރުމެންގެ ސީކްރެޓްގެ ބައެއް.. ފޭކް ޕާޕަ ކީމައި، އެއްވެސް މީހަކަށް ނޭގޭނެ ތިއީ ސްޕާ ސްޓާރއެއްކަމެއް... އެހެން ނޫނީ އެންމެން އަންނާނެ.." ވައި އަޑުން ޝައްޔާންގެ ކަންފަތްދޮށުގައި ކިސްވާ ބުންޏެވެ.
ޝައްޔާންގެ ހިނިގަނޑު ކޮނޓްރޯލެއް ނުކުރެވުނެވެ. އަޑު ވީއްލައި ހެވުނީ މާބާރަށެވެ.
"ޔޫ އާރ އަންބިލީވަބަލް...!!" ހެވުނުލެއް ބޮޑުކަމުން ޝައްޔާންގެ ދެ ލޮލުން ކަރުނަވެސް ހިލުވާލި އެވެ.
''އަ'އެމް ކިއުޓް..!" ކިސްވާ ބުނެލީ އޭނާގެ އެންމެ އުފާވެރި ހިނިތުންވުން ޝައްޔާންއަށް ހަދިޔާކޮށްލަމުންނެވެ.
ހިނިތުންވުމާއި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވީ ވަގުތުކޮޅެކެވެ. ދުރުން ބަލައިލާ މީހަކަށް އެއީ ދާދި މިދާކަށް ދުވަހު ބައްދަލުވި
'ދެ އެކުވެރިން ކަން' ނުވަތަ އުފަން ބައްޕައާއި އޭނާގެ ފުރާނަ ފަދަ، ދަރިފުޅުކަމެއް ފާހަގަކުރާކަށް ނޭގޭނެ އެވެ. ކިސްވާގެ ލޯބި އަތުގައި ފިރުމާލާފައި ކުއްލިޔަކަށް ޝައްޔާންގެ ޖީބުން ނެގީ ބަރިބަރިއަށް ކުދި ކުދި ތަރިތަކެއް އެލުވާލާފައި ހުރި ރަން ކެވެލިކޮޅެކެވެ.
ކިސްވާގެ ކަނާއަތުގައި ހިފާލާފައި އެއަތުގެ ނުފުށުގައި މަޑުމަޑުން ބޮސްދިނެވެ. އަތި ޝައްޔާންގެ ބޮޑު އަތް ތިލަމަތީގައި ކިސްވާގެ ކުޑަކުޑަ އަތްތިލަ ބާއްވާލާފައި އެ އަތުގެ ތެރޭގައި އެ ކެވެލި ކޮޅު ބާއްވާލި އެވެ.
"މިއީ މި ސްޕާސްޓާރ ޕާޕާގެ ލޯބި ލޯބި ޕްރިންސެސް ކިސްވާއަށް، ގެނެސްދިން ކުޑަކުޑަ ހަދިޔާއެއް.. ހަނދާންވާ ކޮންމެ ވަގުތަކު، މި ކެވެލިކޮޅަށް ބަލަހައްޓައިގެން ކިސްވާ ބޭނުން ވަރަކަށް ވާހަކަ ދައްކަންވީ.. މިއީ ކިސްވާގެ ރިއަލް ޕާޕާގެ އެންމެ ފުރަތަމަ ގިފްޓްކަމަށް ހީކޮށްލާ.." ލިބުނު އުފަލުގައި ކިސްވާގެ ލޮލުގެ ކުޑަކޮޅުން ފޭބި ކަރުނަ ތިކި، ލޯތްބާއެކު ފޮހެލައިދިނީ ޝައްޔާން އެވެ.
ކިސްވާގެ މޭގައި އެ އަތް ފިއްތާލި ގޮތަށް، މުއްކަވާލާފައި އޮތް އަތް، ދުރަކަށް ނުލި އެވެ. ހަށިފުރާ ނެވާއެއްލަމުން ކުޑަކުޑަ ކިސްވާގެ ދެ ލޯ މަރައިލީ ލިބުނު އުފާވެރިކަން، އެދަރިފުޅަށް ހަޖަމުނުކުރެވިގެންނެވެ.
ކުއްލިޔަކަށް ލޯ ހުޅުވާލިއިރު ޝައްޔާން ފެންނާކަށް ނެތެވެ.
ޝައްޔާން އެތަނުން ދިޔަ އިރެއް ކިސްވާއަށްވެސް ނޭގުނެވެ. ވަށައިގެން ބަލައިލެވުނެވެ. ކިސްވާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ތަފާތު ނަޒަރަކުން ބަލަހައްޓައިގެން ހުރި ސަބާ އެވެ. ނުރައްކަލުގެ ރަނގަބީލު ކަންފަތުގައި ގުގުމާލުމުން، ވިސްނުންތެރި ކިސްވާ އޭނާގެ ހުނަރުވެރި ޑްރާމާއަށް ތައްޔާރުވި އެވެ.
...................
ގެއަށް ވަދެވުމާއެކު އަމާރާގެ ކޮނޑުގައި އޮތް ދަބަސް ނަގައި ސޯފާގެ ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައި ބޭއްވި އެވެ. ލުއިކަސްރަތަކާއެކު ކޮނޑާއި ކަނދުރާގެ އެކި ހަރަކާތްތަކެއް ކޮށްލީ، ބުރަ، ދިގު ޑިއުޓީއަކަށްފަހު ގެއަށް އާދެވުމުން ކުރެވުނު އިހްސާސްގެ ސަބަބުންނެވެ.
ސިންކު ކައިރިއަށްގޮސް އުޅަނބޮއްޓާއި ހިސާބުން ދެ އަތް ދޮވެގެން އައިސް ސޯފާގައި އިށީނެވެ. ޓީވީ ބަލަން ތިބި ދެމީހުންގެ ހަރަކާތެއްވެސް ނެތެވެ. ފެންނަމުން ދިޔަ މަންޒަރަށް ދެމީހުން ގެއްލިފައި ތިބީ، އެ ފިލްމަށް ވުރެން އެމީހުންގެ ހަޔާތުގައި އެއަށްވުރެން މުހިއްމު އެހެން ކަމެއް ނެތް ފަދައިންނެވެ.
މާމަގެ އުނގުތެރޭގައި ކިސްވާ ބޮނޑިވެލައިގެން އޮތް އިރު، ކިސްވާގެ އުނގުތެރޭގައި ސްނޯ ބޯލް ބޮނޑިވެލައިގެން އޮތީ ނިދާފަ އެވެ. ލުއި ހިނިތުންވުމަކާއެކު އަމާރާ ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުން އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތަށް އެއް ފަރާތް ކޮށްލި އެވެ.
ފިލްމުގެ ޖާދޫގައި ޖެހިފައިވާ މީހުންގެ ސަމާލުކަން ހޯދަންޖެހުނީ އަމާރާ އެވެ.
ސޯފާއިން ފައިބާފައި ކާޕެޓްމަތީގައި ހަމަޖެހިލީ ކިސްވާގެ ދެ އަތުގައި ފިރުމާލަމުންނެވެ.
"މަންމަގެ ލޯބިވާ ދަރިފުޅު މިއަދު ކުރީ ކޮން ކަމެއް..؟" ދަރިފުޅުގެ މުޅި ދުވަހުގެ ޔައުމިއްޔާ އަޑުއެހުމަކީ، ދިގު ޑިއުޓީއަކަށްފަހު އަމާރާއަށް ލިބޭ އުފަލެކެވެ. ޑިއުޓީއަށް ދިއުމުގެ ކުރިން ކިސްވާގެ މޫޑް ހުރިނެތްގޮތް އެހެންމީހަކު އަމާރާއަށް ބުނެދޭކަށް ނުޖެހެ އެވެ.
"ވަރަށް ގިނަ ކަންތަށް ކުރި ދުވަހެއް.. ސަބާއާއެކު ރެސްޓޯރެންޓަށް ގޮސްފައި އައިއިރު، ކިސްވާގެ މޫޑް މުޅިން ރަގަޅު.. ހިނިތުންމުވާއި އުފާވެރިކަމުން ކިސްވާގެ ދުވަސް ފަޅުފިލުވާލަދިނީ، ރެސްޓޯރެންޓުން ދިމާވި 'ސަމްވަން ސްޕެޝަލް' އެކޯ...!" ރާގެއްގައި ފަރީހާ ބުނެލި އެވެ.
އަމާރާގެ ދެބުމަ ގޮށްޖެހި، ނިއްކުރިއަށް ރޫއަރުވާލެވުނީ ހިތުގައި ޖަހައިލި ވިންދެއްގެ ސަބަބުންނެވެ. ފަރީހާ ބަލައިލީ އޭނާގެ އުނގުގައި ބޮނޑިވެލައިގެން އޮތް، މާމަ ދަރިފުޅަށެވެ.
"ސަމްވަން ސްޕެޝަލް..؟" އަމާރާގެ ސުވާލު ކިސްވާގެ ސަމާލުކަމަށް އައުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
"ލައްބަ މަންމާ.. އަނެއްކާވެސް މިއަދު ކިސްވާގެ ފޭކް ޕާޕާއާއި ދިމާވީ.. އެއީ ހަމަ ބެސްޓް.. ވޯލްޑްގެ ބެސްޓް ފޭކް ޕާޕާ" ބޮޑުވައި އިނގިލީގެ އިޝާރާތް ދައްކައިލަމުން، ކިސްވާގެ ހިތުގެ އެންމެ އަޑީން އޭނާގެ 'ފޭކް ޕާޕާ'އަށް ތައުރީފު ކުރި އެވެ.
"ފޭކް، ވަޓް..؟" އަމާރާގެ ނިއްކުރީގެ ރޫތަށް ބޮނޑިވެގަތީ ސިކުނޑިއަށްވެސް އެ ބުރަ ނުއުފުލިގެންނެވެ. އަވަސް އަވަހަށް އެސްފިޔަތަށް ހަރަކާތްކޮށްލީ، ނޭވާލާންވެސް އުނދަގޫވެއްޖެހެން ހީވުމުންނެވެ.
ފަރީހާގެ ހިނިގަނޑު ނުހިފެހެއްޓުނެވެ. ދެމައިންގެ ދެމެދު މަންޒަރުބަލާ މީހެއްގެ ދައުރު އަދާކުރާން ޖެހުނީ ފަރީހާ އަށެވެ.
"އެއީ އޭނާއަށް ކިސްވާ ދީގެން އުޅޭ ނަން.. އަމާރާވެސް ކުރީ ދުވަހު ބުނީމެއްނުން، އެއްވެސް ކުއްޖެއްގެ ފޭކް ޕާޕާއެއް ނުހުންނާނެޔޭ.. މިހާރު އެއީ ދާއިމީ ނަމެއް ކަމަށް ކިސްވާ އެއުޅެނީ ނިންމައިގެން.. އޭގެ ކުރިންވެސް އެދެމީހުންގެ ދެމެދުގައި އޮތީ، 'ފޭކް ޕާޕާގެ ޑީލް' ހަދައި ނިމިފައި.. މަންމަވެސް ކިސްވާއާއި ވަރަށް ސުވާލު ކޮށްފިން.. ހީވާ ހީވުމަށް އެއީ ވަރަށް އަހްލާގް ރަގަޅު މީހެއް.. ކިސްވާއަށް ވަރަށް ހެޔޮ.. މި ދެމީހުން ދިމާވަނީ ހަމައެކަނި ޑެސްޓިނީ ތެރެއިން.. އެހެންވީމަ މަންމަ ފިކުރު ބޮޑެއް ނުވޭ.. ކިސްވާއަށް ހަދިޔާއެއްވެސް ދީފައި އެބަ
އޮތް.. ދެމީހުންގެ ގުޅުން ވަރަށް ރަގަޅު..!" ފަރީހާ ދެއްކި ވާހަކައަށް އެއްވެސް އެއްޗެއް ބުނުން، މިވަގުތު އަމާރާއަށް މުހިއްމެއް ނުވި އެވެ.
ކިސްވާއާއި ދިމާއަށް އަމާރާ އެނބުރުނީ ހިތްހަމަނުޖެހުމާއިއެކު އެވެ. މޫނުމަތީގައިވާ މާޔޫސްކަން ކިސްވާއަށް ފާހަގަކުރެވިއްޖެކަން އަމާރާއަށް އެނގުނީ ކިސްވާ އިސްޖަހައިލުމުންނެވެ.
"އެގޮތަށް ދިމާވާ ކޮންމެ ކޮންމެ މީހަކާ މާ ގާތްކޮށް ވާހަކަ ނުދައްކަން، ކިތަށް ފަހަރު މަންމަ، ކިސްވާ ގާތުގައި ބުނެފިންތަ..؟" ކިސްވާގެ ދަތްދޮޅީގައި ހިފަހަށްޓާލާފައި މައްޗަށް އުފުލާލަމުން އަމާރާ ބުނެލި އެވެ.
ތުންކޮޅު އޫކޮށްލާފައި ކިސްވާ ބަލައިލީ އޭނާއާއި ދިމާއަށް އަންނާނެ ހަމަލާތަކަށް ތައްޔާރުވެގެންނެވެ.
"އެކަމަކު މަންމާ، އެއީ ގޯސް މީހެއް ނޫނޭ.. ލޮލަށް ބަލާލާފައިވެސް ކިސްވާއަށް އެނގޭ އެއީ ވަރަށް ރަގަޅު މީހެއް..! ވާހަކަ ދައްކަނީވެސް ސްނޯ ބޯލް އެންމެ ލޯބިވީމަ، މިއައުއއ.. ގޮވާލާފައި ނިގޫ ތަޅުވާލާހައި ލޯބިކޮށް.. ވަރަށް މަޑުމަޑުން، ވަރަށް ލޯބިން..!" އަމާރާގެ ދެ ލޮލަށް ނަޒަރު ސީދާ ކޮށްލަމުން ކިސްވާ ބަލައިލީ މައުސޫމްކަމުން ފުރިގެންވީ ބެލުމަކުންނެވެ. ދަރިފުޅުގެ ޑްރާމާ މިޒާޖަށް އަމާރާ ބުނާނެ އިތުރު އެއްޗެއް ނެތެވެ. ކިސްވާގެ ޑީއެންއޭ ގައިވެސް 'ޑްރާމާ'ގެ އަސަރު ހުންނާނެކަން އެންމެ ރަގަޅަށް އިނގޭނީ އަމާރާއަށެވެ. (ނުނިމޭ)