ޒަކާތު ހައުސްއިން ބުނީ ފިތުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަގުސަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެ ކަން ކުރިއަށް ގެންދިއުންކަމަށެވެ.
އެ ގޮތުން އެ ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
" މި ގޮތަށް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސަޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިތުރު ޒަކާތް ލިބުން ހައްގުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެއެވެ. " ޒަކާތު ހައުސް އިން ބުނެއެވެ.
ފިތުރު ޕޯޓަލް ތައާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ބުނެއެވެ.