ads
މަސްވެރިންނާއެކު މުޒާހަރާ ކުރަމުން ދިޔަ ބިދޭސީއަކު ފުލުހުން ހައްޔަރުކުރުން
މަސްވެރިންނާއެކު މުޒާހަރާ ކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން، މަސް ދޯންޏަކަށް ފުލުހުން އަރައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
Advertisement

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ފުލުހުން ދޯނި ފަހަރަށް އަރައި، ސުލްހަވެރިކަމާއެކު ހައްގު ހޯދަން މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަޅުވެރިން ހައްޔަރުކުރަމުން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން މަސްވެރިންނާއެކު ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާގައި ގާތްގަނޑަކަށް 60 މަސް އޮޑި ބައިވެރިވާއިރު، މަސްވެރިން ސަރުކާރަށް ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ ސަރުކާރުން ވައުދުވީ ގޮތަށް ކަންނެލި ގަންނަން ފެށުމާއި، ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުމުގެ އިތުރުން ހެޔޮ އަގުގައި ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ މި އިހުތިޖާޖަކީ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ހޯދުމަށް ސަރުކާރުން ވީ ވައުދު ފުއްދައިދިނުމަށް އެދި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މުޒާހަރާއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސޯޝަލް މީޑިއާގައި ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ޕްރޮސެސިން ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުންވެސް ސަރުކާރުން ވަނީ ކަންކަން ރަނގަޅު ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް