ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ހޭނެތިފައި ވަނީ މަސްތުވާތަކެތި އޯވަޑޯޒް ވެގެންނެވެ. މިއީ އޭނާގެ ފޭނުންނަށް ސިހުން ގެނުވި ހަބަރެކެވެ.
އެންޑީ ޑިކް މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުމުން، އެ ސަރަހައްދުގައި ތިބި އާންމުން ވަނީ އޭނާއަށް އެހީތެރިވެފައެވެ. އެގޮތުން އާންމުންގެ ބަޔަކު ވަނީ "ނާކަން" ބޭނުންކޮށްގެން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. ނާކަން އަކީ އޯޕިއޮއިޑް އޯވަޑޯޒް ވުމުން އޭގެ އަސަރު ކަނޑުވާލުމަށް ބޭނުންކުރާ ބޭހެކެވެ.
މި ހާދިސާއަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އެންޑީ ޑިކް ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ "ދިރިހުރި" ކަމަށާއި ބޮޑު ކަމެއް ނުވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ ތަފްސީލީ މައުލޫމާތެއް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 58 އަހަރުގެ އެންޑީ ޑިކް އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަފާތު އެކި ފަހަރު މަތިން ހަބަރުތަކުގެ ސުރުހީއަށް އަރާފައިވާ ފަރާތެކެވެ. މި ފަހަރުގެ ހާދިސާގައި އޭނާ ސަލާމަތް ކުރެވުނީ ވަގުތުން ފަރުވާ ދެވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
މިވަގުތު އޭނާގެ ހާލު ރަނގަޅު ނަމަވެސް، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ފަރާތްތަކުން އަންނަނީ އިތުރު މައުލޫމާތު ހޯދަމުންނެވެ.