މިއީ 2022 ވަނަ އަހަރުގެ އާ އަހަރާއި ކްރިސްމަސް އަދި ރަޝިއަން އޯތޮޑޮކްސް ފެސްޓިވަލްގައި ވިޔަފާރީގެ އުސޫލުން ޑިޓިއުން ބޭންޑުން ވޮށްމުލި ރިސޯޓުގައި މިއުޒިކް ކުޅުމަށް ވެފައިވާ އެއްބަސްވުން އުވާލުމުން ޑިޓިއުން އިން އުފުލި ދައުވާއެކެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައި އޮތީ ވޮށްމުލި ރިސޯޓުން އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެކަމުގައި ހިނގި ހަރަދު ނަގައިދިނުމަށް ވަނީ ނިންމާފައެވެ. ދަށު ކޯޓުން ވަނީ ޑިޓިއުން ބޭންޑަށް 29،000 ޑޮލަރު ދައްކަން ހުކުމްކޮށްފައެވެ.
އެ ހަރަދަކީ ސީދާ ގެއްލުމުގެ ބަދަލުގައި ހުށައެޅި 25،000 ޑޮލަރާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދިޔަ 4،000 ޑޮލަރެވެ.
މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި ރެސިޑެންސީ ރިސޯޓްސް އިން އެ ފައިސާ ޑިޓިއުންނަށް ދައްކަން އަންގާފައެވެ.