ދުވާފަރަށް މިހާރު ރައީސް ޑރ.މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމީޔާތުގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންގެ އިތުރުން ރަށު ކައުންސިލްގެ މެމްބަރުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.
މީގެ އިތުރުން ރައީސް ވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ ރަށުގައި ގަސް އިންދަވާފަ އެވެ.
މަސްވެރިންނައް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމް ގާއިމުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރަން ނިންމާފައިވާ ފިއުލް ސްޓޭޝަންގެ ތެރެއިން ރ.ދުވާފަރުގައި ގާއިމު ކުރާ ފިއުލް ސްޓޭޝަންވެސް ރައީސް ވަނީ ހުޅުވައި ދެއްވާފައި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.