މިކަން ފެއްޓުމަށް ބޭއްވި ރަސްމީޔާތުގައި މިކަން ފައްޓަވައިދެއްވީ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން، ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ، ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް، އެމްޓީސީސީގެ އެމްޑީ ޑީސީޕީ ރޓޑ އަހުމަދު ސައުދީގެ އިތުރުން ކޮމިސަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
މިކަމަށް ހާއްސަކޮށްގެން ބޭއްވުން ރަސްމީޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިން އަދި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވައުދަކަށް ވެފައިވާއިރު މިހާތަނަށް ވަރަށް ގިނަ ރަށްތަކުގައި ވަނީ ފުލުހުންގެ އިމާރާތް އެޅުމަށް ބިންގާ އެޅިފައި އެވެ.
ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި، ރައީސް މުއިއްޒުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.