ads
ގޯސްޓު ސްކޫލް
ޕާކިސްތާނުގެ އަންހެން ކުދިންގެ ތައުލީމީ ހާލަތު ދައްކުވައިދޭ ފިލްމު ސައުދީގަ ދައްކަނީ
ސައުދީ އަރަބިއްޔާގެ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަަލްގައި ދެއްކުމަށް ހޮވުނު ޕާކިސްތާނުގެ ހަމައެކަނި ފީޗާ ފިލްމަކަށް "ގޯސްޓް ސްކޫލް" ވެއްޖެއެވެ.
Advertisement

މިއީ ޕާކިސްތާނުގައި އަންހެން ކުދިންނަށް ތައުލީމު ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ނަމެއްގައި ހިންގާ ސްކޫލްތައް ނުވަތަ "ގޯސްޓް ސްކޫލް" ތަކުގެ މައްސަލައަށް އަލިއަޅުވާލައި ހަދާފައިވާ ފިލްމެކެވެ. މި ފިލްމު ވެގެން ގޮސްފައިވަނީ ބައިނަލްއަގުވާމީ މައިދާނުގައި ޕާކިސްތާނުގެ ސިނަމާއަށް ލިބުނު ޝަރަފަކަށެވެ.

މި ފިލްމަކީ ޑައިރެކްޓަރު ސީމާބް ގުލްގެ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ސްކްރިޕްޓް ލިޔުންތެރިޔާ އާއި ޕްރޮޑިއުސަރަކީ ވެސް އޭނާއެވެ. ސީމާބް އޭނާގެ ފިލްމީ މަސައްކަތް ފެށީ ކުރު ފިލްމާއި ޑޮކިއުމެންޓްރީ ހެދުމުންނެވެ. ކަރާޗީގެ ބޭރުގައި އޮންނަ މަސްވެރިކަން ކުރާ އަވަށެއްގައި މަންޒަރުތައް ނަގާފައިވާ މި ފިލްމު ހަދަން ފެށީ ފުރަތަމަ ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ނަމަވެސް، ފަހުން މިއީ ފީޗާ ފިލްމަކަށް ބަދަލުކުރީއެވެ.

މި ފިލްމުގައި ގެނެސްދެނީ ޕާކިސްތާނުގެ ރަށްފުށުގެ ހިސާބުތަކުގައި އަންހެން ކުދިންގެ ތައުލީމަށް ހުރި ހުރަސްތަކުގެ ވާހަކައެވެ. ފިލްމުގެ ވާހަކަ ކުރިއަށްދަނީ ރާބިއާ ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެއްގެ ނަޒަރިއްޔާތުންނެވެ. ރާބިއާގެ ރޯލު ކުޅެފައިވަނީ ނަޒުއާލިޔާ އަރްސަލާން އެވެ. ފިލްމުގައި ފެންނަ ގޮތުގައި ރާބިއާ ކިޔަވަން ދާ ސްކޫލް ބަންދުކުރަނީ އެތަނުގައި ޖިންނި އުޅޭކަމަށް ބުނެއެވެ. ސްކޫލްގައި ޖިންނި އުޅޭކަމަށް ބުނެ ޓީޗަރު އެ ވާހަކަ ދައްކަނީ އަވަށުން ފުރައިގެން ދިއުމަށް ބަހަނާއެއްގެ ގޮތުގައެވެ.

ސްކޫލް ބަންދުކުރުމުން އެކަމާ މެދު ރާބިއާ ވަރަށް ބޮޑަށް ހައިރާންވެ ސުވާލު އުފައްދައެވެ. އެ ކުއްޖާއަކީ ގުދުރަތީ ބާރުތަކާއި ޖިންނި ފަދަ ތަކެތީގެ ވާހަކަ ގަބޫލުކުރަން ދަތިވާ، އަދި ކަންކަމުގެ ހަގީގަތް ހޯދަން ބޭނުންވާ ވިސްނުންތޫނު ކުއްޖެކެވެ. އެހެންކަމުން ސްކޫލް ބަންދުކުރި އަސްލު ސަބަބު ހޯދަން އެ ކުއްޖާ އަމިއްލައަށް މަސައްކަތް ފަށައެވެ.

ފިލްމުގައި ދައްކުވައިދެނީ އަވަށުގެ ވެރިން އިސްވެ ތިބެ ހިންގާ ކޮރަޕްޝަންގެ އަމަލުތައް ފޮރުވުމަށްޓަކައި، ޖިންނި އުޅޭކަމުގެ ވާހަކަތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލާ ގޮތެވެ. އަދި މި މައްސަލައިގެ ހަގީގަތް ހޯދައި، އެކަމާ ދެކޮޅަށް ތެދުވެ، ކުޑަ ކުއްޖަކު އަމިއްލައަށް އެކަން ހައްލުކުރަން ކުރާ ހިތްވަރުގަދަ މަސައްކަތް މި ފިލްމުން ފެނިގެންދާނެއެވެ. މިއީ މުޖުތަމައުގައި ހުރި މިފަދަ ބޮޑެތި މައްސަލަތަކަށް ލޯ ހުޅުުުވައިދޭ މުހިންމު ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް