ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ
ވަގަށް ބިދޭސީން ގެންނަ މީހާއާއެކު ދައުލަތުން ޑީލެއް، ލުއި އަދަބެއް
ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާއާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، ލުއި އަދަބެއް ދީފިއެވެ.
Advertisement

މިއީ އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާގެ މައްސަލައެވެ. 

މި މައްސަލައިގައި ހިމެނޭ މީހަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރުމުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް، އޭނާ ރާއްޖޭގައި ދިޔައީ ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުންނެވެ.

މި މައްސަލާގައި ޝަހާދަތުގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރި އެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އަދި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ އެވެ. 

މި މައްސަލަގައި ޝަހާދަތުގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ބުނުމާ އެކު، އަދަބުތައް ލުއިވާ ގޮތަށް ދައުލަތުން ހެދި އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އެގޮތަށް އަދަބު ކަނޑައަޅަން ނިންމި އެވެ.

އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ތިން ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް މިހާރު އޮތީ މަނީލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ދައުވާ އެވެ. މަނީ ލޯންޑްރިންގެ ދައުވާއަކީ ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 10،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. ނަމަވެސް، ޝަހާދަތު އިއުތިރާފުވެފައިވާތީ އެއްބަސްވެފައިވަނީ އޭނާގެ މައްޗަށް ދެ އަހަރާއި ހަ މަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

ރިޝްވަތު ދިނުމުގެ ދައުވާއަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. ނަމަވެސް، އެއްބަސްވެފައިވަނީ ޝަހާދަތުގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 21،600 ރުފިޔާގެ ޖޫރިމަނާއަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް