ads
ނޭޝަނަލް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް
އެންމެންނަށް ހަމަހަމަ ސިއްހީ ހިދުމަތް ދިނުމަށް ހާއްސަ ރޯޑްމެޕެއް އެކުލަވާލަނީ
ރާއްޖޭގައި އެންމެންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި ހާއްސަ ރޯޑްމެޕެއް އެކުލަވާލުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ފަށައިފިއެވެ.
Advertisement

 މި މަސައްކަތް ފެށީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގުޅިގެން ކުރުނބާ މޯލްޑިވްސްގައި ބާއްވާ "ނޭޝަނަލް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް" ގެ ތެރެއިންނެވެ. މި ފޯރަމުގެ ތެރެއިން އެކުލަވާލާ ހާއްސަ ރޯޑްމެޕަކީ 2026 ވަނަ އަހަރުން ފެށިގެން 2030 ގެ ނިޔަލަށް އަމަލުކުރުމަށް ހަދާ ޕްލޭނެކެވެ.

މި ފަދަ ކަމަކަށް ހާއްސަކޮށްގެން ރާއްޖޭގައި މި ފޯރަމް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޝްވަރާތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ބޫޓާން، އިންޑޮނޭޝިއާ އަދި ފިލިޕިންސް ފަދަ ގައުމުތަކުގެ މަންދޫބުން ހިމެނެއެވެ. މީގެ އިތުރުން އދ. ގެ އެކި ޖަމިއްޔާތަކުންނާއި މާލީ އިދާރާތަކުން 100 އަށް ވުރެ ގިނަ ފަރާތްތަކުން މި ފޯރަމުގައި ބައިވެރިވެ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރާނެއެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، މިހާރު ރާއްޖޭގެ ސާވިސް ކަވަރޭޖް އިންޑެކްސް ހުރީ 70 ގައެވެ. ނަމަވެސް 2030 ވަނަ އަހަރު އަންނައިރު މިއަދަދު 80 އަށް މަތިކުރުމަކީ މި ރޯޑްމެޕްގެ މައިގަނޑު އެއް އަމާޒެވެ. ހިދުމަތް ހޯދުމަށް އޮންނަ ކިއުތައް ދިގުވުމާއި، ބޭސްފަރުވާއަށް އަމިއްލަ ހަރަދުގައި ގިނަ ބަޔަކު އަދިވެސް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ ސިއްހީ ނިޒާމަށް އޮތް ގޮންޖެހުންތަކެއް ކަމުގައި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް، ޑރ. އަހުމަދު އަޝްރަފް ފާހަގަކުރެއްވިއެވެ. މި ފޯރަމްގައި އެއްކުރެވޭ މައުލޫމާތާއި ތަޖުރިބާގެ އަލީގައި މި ކަންކަމަށް ހައްލު ހޯދޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ހެލްތުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް