ads
ރާނީ މެކްސިމާ
ރާނީ މެކްސިމާގެ ސާޅިއަށް ގިނަ ބައެއްގެ ސަމާލުކަން
ނެދަލޭންޑްސްގެ ރަސްގެފާނު ވިލިއަމް-އެލެގްޒެންޑަރާއި ރާނީ މެކްސިމާ ސުރިނާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާނީ މެކްސިމާ ތުރުކުރެއްވި ހެދުންކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
Advertisement

މި ދަތުރުފުޅަކީ 1975 ވަނަ އަހަރު ސުރިނާމަށް ނެދަލޭންޑްސްގެ ކިބައިން މިނިވަންކަން ލިބުނު ފަހުން، ނެދަލޭންޑްސްގެ ރަސްކަލަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ތާރީހީ ދަތުރުފުޅުގައި ރާނީ މެކްސިމާ ވަނީ ސުރިނާމްގެ ސަގާފަތާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ފެހި ކުލައިގެ ޗާލު ސާރީއެއް ތުރުކުރައްވާފަ އެވެ.

ރާނީ މެކްސިމާ މި ސާރީ ތުރުކުރެއްވީ ސުރިނާމްގެ ވެރިރަށް ޕަރަމަރިބޯގައި ހުންނަ ތާލިއާ ތިއޭޓަރުގައި ބޭއްވި ހާއްސަ މިއުޒިކް ޝޯއެއްގައި ބައިވެރިވަޑައިގަތުމަށެވެ. އެމަނިކަމަނާ ތުރުކުރައްވައިގެން ހުންނެވީ ގަދަ ފެހި ކުލައިގެ ސާރީއެކެވެ. މި ހެދުންކޮޅާ އެކު ރާނީ ވަނީ ނެދަލޭންޑްސްގެ ޝާހީ އާއިލާގެ ތާރީހީ ގަހަނާ ސެޓެއް ކަމަށްވާ އެމަރަލްޑް ގަހަނާތަކެއް ބޭނުންކުރައްވާފަ އެވެ. މީގެ ތެރޭގައި 1899 ވަނަ އަހަރު ރާނީ ވިލްހެލްމީނާއަށް ހަދިޔާކުރެއްވި އަގުބޮޑު ފެހި ޖަވާހިރުގެ ހާރަކާއި ކަންފަތުލާ އެއްޗެހި ހިމެނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރާނީ މެކްސިމާ ސާރީއެއް ތުރުކުރެއްވުމުގެ ބޭނުމަކީ ސުރިނާމްގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނަށް އިހުތިރާމް އަދާކުރެއްވުމެވެ. ސުރިނާމްގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ އިންޑިއާއިން އެ ގައުމަށް ހިޖުރަކޮށްފައިވާ މީހުންގެ ދަރިކޮޅެވެ. އެހެންކަމުން ރާނީގެ މި ފެޝަން ޗޮއިސްއަކީ ސުރިނާމްގެ މުއްސަނދި ސަގާފަތާއި އެ ގައުމުގެ ރައްޔިތުންނާ އޮތް ގާތް ގުޅުން ރަމޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ރާނީގެ މި ސްޓައިލަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

މި ދަތުރުފުޅުގައި ނެދަލޭންޑްސްގެ ރަސްގެފާނާއި ރާނީ ވަނީ ސުރިނާމްގެ ރައީސް ޖެނިފާ ގީލިންސް-ސިމޮންސްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. މީގެ ކުރިން ނެދަލޭންޑްސްގެ އިސްތިއުމާރުގެ ދަށުގައި އޮތް ސުރިނާމަށް މިފަދަ މަތީ ފެންވަރުގެ ވަފުދެއް ޒިޔާރަތްކުރުމަކީ ދެ ގައުމުގެ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް