މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލު) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގުގެ ތަރައްގީކުރުމުގެ ފޭސް 2ގެ މަސައްކަތް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް މިމަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.
މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމެންޓަކަށް ބަހާލައިގެންކަމަށާއި މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެއްކަމަށް އެމްޕީއެލުން ބުނެއެވެ.
މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، ވާޓާރުގައި (އެއްގަމު ތޮށި) މާކް ޖެހިފައިވާނެކަމަށް އެމްޕީއެލުން ބުނެއެވެ.
އެހެންކަމުން، ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް، މިމަހުގެ 19 ވަނަދުވަހުގެ މެންދަމު 00:00 ނިޔަލަށް އެ ސަރަހައްދުން ނެގުމަށް އެމްޕީއެލުން ވަނީ އަންގާފައެވެ. އަދި މިކަމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ބޮޑުތަކުރުފާނުމަގުގެ ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގެ ހެދި ބައި ތާރު އަޅާ ނިންމާ އާއްމުކޮށް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުވާލާފައެވެ. އެއީ ޖުމްހޫރީ މައުދާނު ކުރިމަތިން އޮން ސަރަހައްދެވެ.