ސަފީރު މަޙްލޫފު މިހެން ވިދާޅުވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
މިއަދު ހެނދުނު ބީސީސީގައި އޮތް މި ބައްދަލުވުމުގައި، ކުދި ވިޔަފާރިތަކަށް ޖަޕާނުގެ ބާޒާރުން ފުރުސަތު ހޯދައިދިނުމަށާއި، ވިޔަފާރީގެ ދާއިރާއިން އިންސާނީ ވަސީލަތް އިތުރުކޮށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ސަފީރު މަޙްލޫފު ވިދާޅުވިއެވެ.
ބިޒްނަސް ސެންޓަރު ކޯޕަރޭޝަނުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ދެފިހާރައެއް މިހާރުވެސް ޖަޕާނުގެ ދެ އެއަރޕޯޓު ކަމަށްވާ ނަރީޓާގެ އިތުރުން ކަންސާއީގައި އަންނަނީ ހިންގަމުންނެވެ.
އެ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީތެރިވެވަޑައިގެންނެވުމާއެކު ޖަޕާނުގައި ދިވެހި ކުދި ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމާ ގުޅޭ އިތުރު މަސައްކަތްތައްވެސް ކުރައްވާނެކަމަށް މަހްލޫފް ވިދާޅުވި އެވެ.
އެގޮތުން އެއާޕޯޓުގެ އިތުރުން ޖަޕާނުގެ އެހެން ތަންތަނުގައިވެސް ދިވެހީންގެ އުފެއްދުންތައް ވިއްކޭނެ ގޮތް ހަމަޖެއްސެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އަންނަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ބާޒާރު ހޯދައިދީ ވިއްކޭނެ މަގު ފަހި ކޮށްދެމުންނެވެ.
މީގެ އިތުރުން، ދިވެހި ކުދި ވިޔަފާރިތަކުން ހޯދަމުންދާ ކުރިއެރުން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް" ވެސް ބީސީސީން ވަނީ ތައާރަފް ކޮށް މިއަހަރު ދޭން ފަށާފަ އެވެ.
މީގެ އިތުރުން ވިޔަފާރިއާ ގުޅުންހުރި ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމަށާއި، މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމް ކޮށްފައިވާ ބިޒްނަސް ސެންޓަރތަކުންވެސް ވަނީ ވަރަށްގިނަ މަސައްކަތްތައް ކޮށްފަ އެވެ.