ޑިސްކަވަ އެއާލައިނަކީ އެކި ދުވަސްވަރު ރާއްޖެއަށް ދަތުރުކުރަމުންދާ އޭއާލައިނެކެވެ.
ޓާމިނަލް އެކަކުން އެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ދަތުރުވެރިންނަށް މަރުހަބާ ދަންނަވާފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޖްތަބާ ލަތީފް އާއި އެކުންފުނީގެ އިސްވެރިންނެވެ.
ޓާމިނަލް 1 އިން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޑިސްކަވާ އެއާލައިންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޑިސްކަވާ އެއާލައިންސާއެކު ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 31 އަށް އިތުރުވެފަ އެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.