މިއަދު އޮސްޓްރޭލިއާ ގަޑިން އިރުއޮއްސި 6:47 ހާއިރު އެ ހަމަލާތައް ދިނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރަމުން ދަނިކޮށެވެ. އެ ހަފުލާގައި 1000އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ ހަމަލާއާ ގުޅިގެން އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގް ވަނީ އެއީ ޔަހޫދީންނަށް އަމާޒުކޮށް ދިން ވަރަށް އަނިޔާވެރި ހަމަލާއެއް ކަމަށް ސިފަކުރައްވާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަޑިޖެހި ހާދިސާގައި 11 މީހަކު މަރުވެ، 12 ވަރަކަށް މީހަކު ވަނީ ޒަހަމް ވެސް ވެފަ އެވެ. މީގެ ތެރޭގައި ފުލުހުންގެ ދެ މީހަކު ވެސް ހިމެނެ އެވެ. އޮސްޓްރޭލިއާ ފުލުހުން މިހާރު ވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ކަނޑައަޅާފަ އެވެ.
މި ހަމަލާގެ ތެރޭގައި އެންމެ ބޮޑަށް ސަމާލުކަން ލިބިފައިވަނީ ހަމަލާދިން އެކަކު ގަހެއްގެ ނިވަލުގައި ހުރެގެން މީހުންނާ ދިމާލަށް ބަޑިޖަހަނިކޮށް، ޕާކުކޮށްފައިވާ ކާރެއްގެ ފަހަތުގައި ފިލައިގެން ހުރުމަށް ފަހު، ހަމަލާ ދެމުން ދިޔަ މީހާއާ ދިމާލަށް ކުއްލިއަކަށް ގޮސް ކަރާއި ބަޑީގައި ހިފައި ހަމަލާ ހުއްޓުވި މަންޒަރަށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާ ދެމުން ދިޔަ މީހާ ބިންމައްޗަށް ވައްޓާލައި ހަތިޔާރު އަތުލުމަށް ފަހު އެ މީހާއާ ދިމާލަށް ބަޑި ދިއްކުރެ އެވެ.
އޮސްޓްރޭލިއާއަކީ ރައްކާތެރިކަމަށް ބަލާއިރު ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ގައުމެކެވެ. މިފަދަ ހާދިސާތައް އެ ގައުމުގައި ވަރަށް ނުހިނގަ އެވެ. ބޮންޑައި ބީޗަކީ އޮސްޓްރޭލިއާގެ ރާޅާއެޅުމަށް ވަރަށް މަޝްހޫރު ބީޗެކެވެ.