ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޔަހޫދީންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ފުރާނައަށް ނުރައްކާކޮށް ހަމަލާދިން މީހާއާ ކުރިމަތިލި އަހުމަދަކީ "ވަރަށް ހިތްވަރުގަދަ މުސްލިމެއް" ކަމަށެވެ. އަދި އޭނާ ދެއްކެވި ހިތްވަރާއި ގުރުބާނީއަށްޓަކައި އަހުމަދަށް "ސެލިއުޓް" ކުރައްވާ ކަމަށާއި އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
ބޮންޑައި ބީޗުގައި ޔަހޫދީންގެ "ހަނުކާ" ފެސްޓިވަލް ފާހަގަކުރަމުން ދަނިކޮށް ދިން މި ހަމަލާގައި 11 އާއި 16 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވެއެވެ. މި ހަމަލާ ދިން ޓެރަރިސްޓު މީހާއާ ކުރިމަތިލައި އޭނާ ހުއްޓުވީ އެ ސަރަހައްދުގައި މޭވާ ވިއްކާ ފިހާރައެއް ހިންގާ އުމުރުން 43 އަހަރުގެ އަހުމަދެވެ. ހަތިޔާރު އެޅި މީހާ ހުއްޓުވުމަށް އަހުމަދު ކުރި މަސައްކަތުގެ ތެރޭގައި އޭނާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ހޮސްޕިޓަލުގައި މިހާރު ދަނީ އޭނާއަށް ފަރުވާދެމުންނެވެ. އޭނާގެ މި ހިތްވަރުގަދަ އަމަލުގެ ސަބަބުން، ހަމަލާދިން މީހާ އަތުލައިގަނެވި އިތުރު ބައެއްގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާއާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީންނާ ދެކޮޅަށް ދިން މިފަދަ ހަމަލާއެއް ހުއްޓުވައި ކުށެއް ނެތް މީހުން ސަލާމަތްކުރީ މުސްލިމަކަށް ވުމަކީ ވަރަށް ބޮޑު ކަމެކެވެ. ޔަހޫދީންތަކެއް މެރުމުން ސަލާމަތްކުރި އަހުމަދަށް ޝުކުރު އަދާކުރައްވަމުން ޓްރަމްޕް ވަނީ މިއީ ސީދާ ޔަހޫދީންނާ ދެކޮޅަށް ހިންގި ޓެރަރިސްޓު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.