ads
އަރްޖުން އާއި ގެބްރިއެލާ އެންގޭޖްވެއްޖެ
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 6 އަހަރު: އަރްޖުން އާއި ގެބްރިއެލާ އެންގޭޖްވެއްޖެ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްޖުން ރާމްޕާލް، އޭނާގެ ލޯބިވެރިޔާ ގެބްރިއެލާ ޑެމެޓްރިއަޑެސްއާ އެންގޭޖްވެފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
Advertisement

މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަރްޖުން މިކަން ހާމަކުރިއިރު، އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އެއް ގެއެއްގައި ދިރިއުޅޭތާ މިހާރު ވަނީ ހަ އަހަރު ވެފައެވެ. އަރްޖުން ބުނި ގޮތުގައި އެ ދެ މީހުންގެ ގުޅުން ވަނީ ވަރަށް ބަދަހިކޮށް ކަމަށާއި، މިހާރު ރަސްމީކޮށް އެންގޭޖްވެފައިވާ ކަމަށެވެ.

އަރްޖުން އާއި ގެބްރިއެލާގެ ގުޅުމަށް މިހާރު ދެ ކުދިން ލިބިފައިވެއެވެ. އެ ދެ މީހުންނަށް އެންމެ ފުރަތަމަ ފިރިހެން ކުއްޖެއް ލިބުނީ 2019 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ދާދި ފަހުން ވަނީ ދެވަނަ ކުއްޖަކު ވެސް ލިބިފައެވެ. މި ދެ ތަރިން ދަނީ އެމީހުންގެ ދަރިންނާ އެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އާއިލީ ފޮޓޯތައް ދަނީ ހިއްސާކުރަމުންނެވެ. ގެބްރިއެލާ އަކީ ދެކުނު އެފްރިކާއަށް އުފަން މޮޑެލެކެވެ.

އެންގޭޖްމަންޓާ ގުޅޭގޮތުން ވާހަކަދައްކަމުން އަރްޖުން ބުނެފައިވަނީ، އެމީހުންގެ ގުޅުމާމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކައިވެންޏަކީ ހަމައެކަނި ކަރުދާސްކޮޅެއް ނޫން ކަމަށާއި، އެންމެ މުހިންމު ކަމަކީ ދެ މީހުންގެ މެދުގައި އޮންނަ ލޯބި ކަމަށް އޭނާ ދެކެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު، މިހާރު އެ ގުޅުން ރަސްމީ ސިފައެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އޭނާގެ ވާހަކަތަކުން ދޭހަވެއެވެ.

އަރްޖުން މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ މެހެރް ޖެސިއާ އާއެވެ. އެ ކައިވެންޏަށް ވެސް ދެ އަންހެން ކުދިން ލިބިފައިވެއެވެ. އެ ކައިވެނި ރޫޅާލުމަށްފަހު އަރްޖުން ގެބްރިއެލާ އާ ގުޅުނު ފަހުން، މެހެރް އާ ވެސް ރަނގަޅު ގުޅުމެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަރްޖުންގެ މި އުފާވެރި ހަބަރާ ގުޅިގެން އޭނާގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ އެކުވެރިން ދަނީ މަރުހަބާ ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް