އެ ބޯޑުން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މި މުއްދަތުގައި، ދައުލަތުގެ ބަޖެޓުން އެހީ ލިބޭ ގިނަ ކުންފުނިތަކެއްގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ ސީދާ ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ ތަންތަނެވެ. އެގޮތުން ގެއްލުމުގައި ހިންގި 12 ކުންފުނީގެ ތެރެއިން 10 ކުންފުންޏަކީ ބަޖެޓުން ފައިސާ ދޫކުރާ ކުންފުނިތަކެވެ. ޕީސީބީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އާރުޑީސީ އަށެވެ. އެ ކުންފުންޏަށް 113.73 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، ފެނަކަ ކޯޕަރޭޝަނަށް 33.72 މިލިއަން ރުފިޔާގެ އަދި އައްޑޫ އެއާޕޯޓް ކުންފުންޏަށް 17.55 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ސަރުކާރުން ބަޖެޓް ދޫނުކުރާ ކުންފުނިތަކުގެ ތެރެއިން ވެސް މައިގަނޑު ދެ ކުންފުންޏަކަށް މި ކުއާޓަރުގައި ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އެގޮތުން ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނަށް 46.36 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު، އެމްޓީސީސީ ހިންގާފައި ވަނީ 19.66 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ. ގެއްލުންވި އެހެނިހެން ކުންފުނިތަކުގެ ތެރޭގައި އެފްޑީސީ، ހައްޖު ކޯޕަރޭޝަން އަދި ޕީއެސްއެމް ފަދަ ތަންތަން ހިމެނެ އެވެ.