"ދަރިފުޅާ އަމޫ، ހާސްނުވޭ.. ރެސްޓޯރެންޓުގެ އެންމެންނަކީ އާއިލާ ފަދަ ގާތް ބައެއް.. ކިސްވާއާއެކު ހުރިހައި ވަގުތެއްގައިވެސް ސަބާ ހުންނާނެ.. ނެތް ވަގުތެއްނަމަ، ރެސްޓޯރެންޓުގެ 'ސިއްރު ލޯތަށް' ހުންނާނެ..! މާ ގިނަ ވަގުތަކުވެސް އެ ތަނުގައި އެމީހަކު މަޑެއް ނުކުރޭ.. ކާއެއްޗެއް ކާލައިގެން، ކިސްވާއާއި ވާހަކަ ދައްކާލާފައި ދަނީ.. ހިތް ބުނަނީ އެއީ ރަގަޅު މީހެކޭ.. އެންމެންގެ ދުލުން އެކަށްޗެއް އަޑުއިވެނީ އެއީ ހަގީގަތަކަށްވީމައި ކަމަށް ބަލާ..!؟" ޗޮކެއް ކަނޑާލާފައި ހަމަޖެހޭ ގޮތް ދައްކާލަމުން ފަރީހާ ބުންޏެވެ.
ޝުކުރުވެރި ބެލުމަކުން، އޭނާގެ މާމަ ދަރިފުޅު ބަލައިލާނެކަން އެނގިހުރެ އެއް ލޯ މަރައިލާފައި ފަރީހާ ބަލައިލީ ކުޑަކުޑަ ކިސްވާއަށެވެ. މަންމަގެ ބަރު ބޮޑެތި ސުވާލުތަކުން ކިސްވާ ސަލާމަތް ކުރެވޭނީ، ހަމައެކަނި މާމައަށްކަން ކިސްވާއަށް އެނގެ އެވެ.
"އޯކޭ.. އޯކޭ.. މަންމަ އަމާން ދީފިން..! އެކަމަކު ޕާޕާ ނުވަތަ ފޭކް ޕާޕާ ނުކިޔާތި..! ކޮންމެ ދުވަހެއްގެ ހުރިހައި ވާހަކައެއް މަންމައަށް ކިސްވާ ކިޔައިދޭންވާނެ.. އޯކޭ..؟ 'ގުޑް ޓަޗް، ބޭޑް ޓަޗް' އަބަދުވެސް ހަނދާން ކުރަންވާނެ.." މުޖުތަމައުގެ ތަޖުރިބާއިން ކިސްވާ، ދުނިޔެ ދަސްކުރުމަކީ އަމާރާއަށް މުހިއްމު ކަމެކެވެ.
ކިސްވާއަށްޓަކައި އަމާން ދިނުން ފިޔަވައި އެހެން ގޮތެއް ނެތީ އެވެ. މަންމަ އާއި ދަރިފުޅުގެ ކުރިމަތީގައި ގަދަ ބަސް ބުނެ، އޭނާގެ އަމުރު ދެމެހެއްޓުމަކީ އަމާރާގެ މިޒާޖެއް ނޫނެވެ.
"އޯކޭ މަންމާ.. ހަމަ އެންމެ ފަހަރަކު މަންމަ އޭނާއާއި ބައްދަލުވިޔަސް، މަންމައަށްވެސް އޭނާ ކަމުދާނެ.. ކިސްވާއަށް ޔަގީން..!" ތަފާތު ނަޒަރަކުން އަމާރާއަށް ބަލައިލަމުން ކިސްވާ ބުނެލި އެވެ.
"ތިކަމާ ވިސްނާނަން.." މަޖާވެލާފައި އަމާރާ ބުނެލީ ކިސްވާގެ އެންމެ ލޮބުވެތި ހިނިތުންވުމުގެ އުފާ އޭނާގެ ހިތަށް އެވަގުތު މުހިއްމުވީތީ އެވެ.
ކިސްވާ ދުވެފައި ގޮސް ދަބަސް ތެރެއިން ނެގީ، އޭނާގެ 'ޕާޕާ' ދިން ހަދިޔާ އެވެ. ރިހި ހަނދުވަރު ދޭ ރެއެއްގެ އަލިގަދަ ތަރިއެއް ފަދައިން ކިސްވާގެ ދެ ލޯ ވިދާލި އެވެ. މަންމައަށް ދައްކާލުމަށް އޭނާގެ 'އެންމެ މަގްބޫލު ގަހަނާ' ހިފައިގެން އައިސް މަންމަގެ އަތުގެ ތެރެއަށް ލި އެވެ. ކިސްވާގެ ކިބައިން ފެންނަމުންދިޔަ ތަފާތު ކަންކަން ދެނެގަންނާން އަމާރާއަށް ފަސޭހައެއް ނޫނެވެ. ކާކުކަން ނޭގޭ މީހަކާއި މެދު ކިސްވާގެ ހިތުގައި ޖާގައެއް ދީފިކަން އަމާރާއަށް ޔަގީނެވެ.
ވަށައިގެންވީ ހަތަރު ފާރަށްވެސް އަމާރާ ސިއްރުކުރަމުން ދިޔައީ އޭނާގެ ނުތަނަވަސް އިހްސާސްތަކެވެ. ކިސްވާގެ ދުލުން 'އެހެން އެއްވެސް އިންސާނަކަށް' ޕާޕާ ނުވަތަ ބައްޕަ ކިޔުމަކީ އަމާރާގެ ހިތަށް ކުޅަދާނަ ވާވަރު ކަމެއް ނޫނެވެ.
....................
ޖެހިގެން އައި ދުވަހެވެ.
ހެނދުނު އަށެށް ޖެހުމާއެކު 'ލައިފް ލައިން' ހޮސްޕިޓަލްގެ ގައިނީ ޑިޕާޓްމެންޓު ހަލަބޮލި ވެއްޖެ އެވެ. ސްޓާފް ރޫމްގައި ހުޅުވާފައިވާ ޓީވީގެ އަޑު ގަދަވެފައި ވަނީ ކީއްވެކަން އެހެން މީހަކު ކައިރީގައި އަމާރާ އަހާކަށް ނުޖެހެ އެވެ. ދައްކަމުން ދިޔައީ މަޝްހޫރު ފިލްމް ސްޓާރެއްގެ އެންމެ ފަހުގެ ފިލްމާއި އެ ފިލްމުގެ ލަވަތަކުގެ މަގުބޫލްކަމުގެ ވާހަކަތަކެވެ. ޕްރެމިއަރ ކުރިތާ ސާޅީސް އަށް ގަޑީރު ހަމަނުވެ އެވެ. ބިޔަބޮޑު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން އެތަށް ރެކޯޑެއް މުގުރައިފި އެވެ.
ވަގުތުން ދައްކަމުންދިޔަ މަންޒަރުގައި އޭނާގެ ވަށައިގެން ކެމެރާތަކާއި މައިކްތަކެވެ. ރިޕޯޓަރުންނާއި ފިލްމު އުފެއްދި ފަރާތްތަކެވެ. އެފަދަ ވަގުތެއްގައި އޭނާގެ 'ހާއްސަ' މީހުން، އެންމެ ގާތުގައި މިއަދުވެސް ވާނެކަން އަމާރާ ޔަގީންކުރި އެވެ.
އެ އަޑާއި އެ މޫނު ދެކިލަން އަމާރާގެ ހިތު ވިންދު ކިތަންމެ ވަރަކަށް އެދުނަސް، މިއަދު ސިކުނޑި އެކަމަށް ފުރުސަތެއް ނުދެ އެވެ. ނަފުސާއި ފުރާނަ އެކަމަށް އިޒުނައެއް ނުދެ އެވެ. އަތުގައި އޮތް ފޯނު، އަތުން ދޫވެގެން މޭޒު މައްޗަށް ވެއްޓުނީ، އެކުވެރި ޑޮކްޓަރ ދާނިޝް ސަލީމް، އިށީނުމަށް ހަރަކާތްކޮށްލި ވަގުތު އަމާރާގެ ކޮނޑުގައި އޭނާގެ ކޮނޑުން ޖެހުނީތީ އެވެ. ފޯނު ނަގަން ހަރަކާތްކޮށްލި ވަގުތު ލޮލުގައި އަޅައިގަތީ ޓީވީން ފެންނަމުންދިޔަ މަންޒަރެވެ. ހިތުގައި ބާރުގަދަ ރިހުމަކުން، ވޭން އަޅާލީ ޝައްޔާންގެ ވަރުބަލި މޫނު ފެނިފައެއް ނޫނެވެ.
ޝައްޔާންގެ ކޮނޑުގައި އެލިގަނެގެން އޮތް 'އޭނާ'އާއި އޭނާގެ އެ ހަރަކާތެވެ. ހިތުގެ ހިނގުން ހުއްޓި ދެ ލޯ ފެންކަޅިވުމުން ހަތަރެސްފައި ފިނިވެއްޖެކަން، އަމާރާއަށް އެނގުނެވެ. ނަމަވެސް މިފަދަ ވަގުތެއްގައި ފެންނަމުން އެދާ މަންޒަރުގެ ވޭނަށް، ކެތް ނުކުރެވިދާނެކަން އަމާރާގެ ހަވަނަ ހިއްސުވެސް އޭނާއަށް މީގެކުރީން އިޝާރާތްކޮށްފައި ނުވެ އެވެ.
އެސްފިޔަތަށް ތަޅުވާލާފައި، ކަރުނަތަށް ފޫއަޅުވާލި އެވެ. އޭނާގެ ނަޒަރު ޓީވީގެ ސްކްރީނާއި ދުރެއް ނުވި އެވެ. ފެންނަމުން ދިޔައީ އޭނާ އެވެ.
އެއީ ޒަޔާނާ އެވެ. ޒަޔާނާ މުނީރެވެ.
އިންސާނެއްގެ ހިތް ޒަހަމްކޮށް، މަކަރާއި ހީލަތުން، ލޭ ހިލުވާލާފައިވާކަމުގެ ކުޑަވެސް އަސަރެއް އޭނާގެ މޫނުން މިއަދުވެސް ނުފެނެ އެވެ. އެތަށް މިލިއަށް މީހުންގެ ކުރިމަތީގައި ޝައްޔާންގެ ކޮނޑުގައި އެލިގަނެގެން އެ އޮތީ، އެއީ އޭނާގެ ހައްގު މަގާމުކަން މުޅި ދުނިޔެއަށް ދެއްކުމަށެވެ. ކުޑަކުޑަ ދަރިޔަކާއި މައެއްގެ މުޅި ދުނިޔެ ސުންނާފަތިކޮށް، އޭނާގެ ދުނިޔެ އަބާދުކުރަމުން އެދަނީ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތުމުންނެވެ.
"މުޅި ފިލްމް އިންޑަސްޓަރީގައިވެސް މިވަރުގެ 'ލޯބި ދެ ސްޓާރުން' މިހައި ތަނަށް އުފެދިފައެއް ނެތް.. އެމީހުންގެ ލޯތްބަށް ހަތް އަހަރުވެގެން ދިޔައިރުވެސް ފަނޑުކަމެއް ނެތް.. ކޮންމެ އިންޓަވިއުއެއްގައި ޝައްޔާންގެ އެންމެ ގާތުގައި އަބަދުވެސް ޒަޔާނާ ހުންނަނީ ނަމޫނާ ލޯބިވެރިޔަކު ފަދައިން.." ސްޓާފް ރޫމްގެ ތެރެއިން ކޮންމެވެސް މީހަކު ބުނެލި އަޑު އިވުނެވެ. އަރި އަޅައިލިޔަސް، އަމާރާގެ ދެފައި، ފިޔަވަޅުމަތީގައި ސާބިތުކޮށްލި އެވެ.
ނަފުސުގެ އާރެއް ބާރެއް ނެތި، ބާރަށް ތެޅެމުންދިޔަ ހިތުގައި މިއަދުވެސް އޮބިއަޅައި ލޭ ހިލުވާލީ އެ އަންހެނާގެ އަމަލުތަކެވެ.
މޭޒުމަތީ އޮތް ރިމޯޓް ނަގާފައި ކުއްލިޔަކަށް އަމާރާ ޓީވީ ނިވާލި އެވެ.
އެސްފިޔަތަށް ތަޅުވާލާފައި ކަރުނަތަށްވެސް ވަޔަށް ބުރުވާލި އެވެ.
އެ ރިހުމަށް އަމާރާ ހިތްވަރު ކުރާނެ އެވެ.
އެހެން މީހުންގެ ކުރިމަތީގައި އަމާރާ ރުއި ދުވަސް އެއީ މާޒީ އެވެ. އެދުވަސް، ދެން އަލަކުން އަމާރާއާއި ބައްދަލުކުރުމުގެ އިޒުނައެއް އޭނާ ނުދޭނެ އެވެ.
.................
މެންދަމުން އަލިވެ ތިނެއް ޖެހީ އެވެ.
އަމާރާގެ ލޮލަކަށް ނިންޖެއް ނައެވެ. އެސްފިޔަތަށް ލައްޕާލެވޭވަރަށްވުރެން ދެ ލޮލުން ނަގާ ދިލަ ގަދަ އެވެ.
ހިންދިރުވައިލެވުނީ، ނިދުމުގެ ކުރީން ކިސްވާއާއިއެކު ދެކެވުނު ވަހަކަތަށް ހަނދާން ވުމުންނެވެ.
ރޮއެ ރޮއެ ބަލިވުމުން، ކިސްވާއާއެކު ދެކެވުނު ވާހަކަތަށް އޭނާގެ ކަންފަތުގައި ތަކުރާރުވާން ފެށި އެވެ.
"ދަރިފުޅުގެ ބައްޕައަކީ ވަރަށް ބުރަކޮށް، ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާ މީހެއް.. ރެއާއި ދުވާލުން ނިދާލަންވެސް ބައްޕައަށް ލިބޭނީ މަދު ވަގުތުކޮޅެއް.. އެހެންވީމައި މިހައި ދުރަށް ދަތުރު ކުރުމަކީ ބައްޕައަށް ފަސޭހަކަމެއް ނޫން.." ކިސްވާގެ ބޮލުގައި ފިރުމާލާފައި އަމާރާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
"ރިއަލީ..؟" ކުއްލިޔަކަށް ދެ ލޯ ބޮޑުކޮށްލާފައި، ކޮލުދަތްތަށްވެސް ފެންނަވަރަށް ހިނިތުންވެފައި ކިސްވާ ސުވާލުކުރި އެވެ.
"އެހައި ބުރަކޮށް ކޮން މަސައްކަތެއް ބައްޕަ ކުރަނީ..؟" އުފަލުން ފޮޅިފައި ދަރިފުޅު ސުވާލުކުރީ، އެތަށް އުއްމީދަކާ އެކު އެވެ.
މިފަދަ ވަގުތެއްގައި ބޭނުންކުރާނެ 'ސްކްރިޕްޓެއް' އަމާރާގެ އަތަކު ނެތެވެ. ދުނިޔޭގެ ތަޖުރިބާގައި 'ދޮގު' އެއީ އަމާރާގެ އެކުވެރިއެއް ނޫނެވެ. ނަމަވެސް ދަރިފުޅުގެ ހިތް، އުފަލުން ފޮޅިފައިވާ މިވަގުތުގައި އެ ހިތް ކުދިކުދި ކޮށްލުމުގެ ކުޅަދާނަކަމެއް އަމާރާގެ ނެތެވެ.
މައުސޫމް ދަރިފުޅުގެ އުފަލަށްޓަކައި 'ހިތްގައިމު ބޮޑު ދޮގެއް' ނޫނީ އަމާރާގެ ކިބައިގައި މިވަގުތު ނެތެވެ.
"ހީ ވޯކްސް ފޯ ޕީޕަލް، މަސައްކަތް ކުރަނީ ފޯނުތަކަށް ނެޓްވޯކް ނުލިބޭ ހިސާބެއްގައި.. އެ ހިސާބަށް ސިޓީއާއި މެސެޖް ރައްދުކުރުމުމަކީ ވެސް އޮންނަ ހިދުމަތެއް ނޫން.. ދަރިފުޅު ދެކެ، ބައްޕަ ވަރަށް ވަރަށް ލޯބިވޭ! އެއީ ވަރަށް ހިތްވަރުގަދަ ބައްޕަ އެއް.. ދަރިފުޅުވެސް ވާނެ ހަމަ އެ ހިތްވަރު ކުރަން.." ގަދަ ހިތްވަރާއެކު ބޮޑު ދޮގެއް އަމާރާ ހެދީ ލޯބިވާ ދަރިފުޅަށްޓަކަ އެވެ.
"ކިސްވާ ދެކެ، ބައްޕަ ވަރަށް ވަރަށް ބޮޑަށް ލޯބިވޭތަ މަންމާ.." ދެއަތް ފުޅާކޮށްލެވޭނެ އެންމެ ބޮޑަކަށް އަތް ދަމާލާފައި ކިސްވާ ސުވާލުކުރި އެވެ.
އާއެކޭ ބުނަމުން، އަމާރާގެ ދެއަތުގެ ތެރޭގައި ކުޑަކުޑަ ހަށިގަނޑު ބޮނޑިކޮށްލި އެވެ. ހިތްފުރެންދެން ރޯލަން ބޭނުންވިޔަސް ދަރިފުޅަށް ނިދެންދެން، އެކަމަށް އަމާރާ ޖެހޭނީ އިންތިޒާރުކުރާށެވެ.
(ނުނިމޭ)