އެސްޓީއޯ ޖެނެރަލް ޓްރޭޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި، ބޮޑެތި އިނާމުތަކާ އެކު ކުރިއަށް ގެންދާ މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރުގެ އެޗްޑީސީގެ ޗެއާމަން އަހުމަދު ޝަހީބެވެ.
މި ފަހަރުގެ ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ވަރަށް ހިތްގައިމު ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އެގޮތުން ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން، ހިޓާޗީ ބްރޭންޑުގެ ފުރިޖެއް ގަންނަ ކަސްޓަމަރުންނަށް ހިލޭ މައިކްރޯވޭވް އަވަނެއް ނުވަތަ ޑިޝްވޮޝަރެއް ލިބޭނެ ހާއްސަ ބަންޑަލް އޮފާއެއް ވެސް އެސްޓީއޯއިން ވަނީ ތައާރަފްކޮށްފަ އެވެ.
މި ބާޒާރުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މި ގުރުއަތުގައި ބައިވެރިވެވޭނީ 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުން ލިބޭ ޑިޖިޓަލް ކޫޕަނަކުންނެވެ. ބޮޑު އިނާމުގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އަގުހުރި ގިފްޓް ހެމްޕާއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ރޯދަ މަހަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި ޕްރޮމޯޝަން ކުރިއަށް ދާނީ މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ވިލިމާލެ ފިހާރައިގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެ ކުންފުނީގެ 11 އައުޓްލެޓެއްގަ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.