ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލި އެވެ. އެއީ:
މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ
މަނީ ލޯންޑަރިންގެ 7 ދައުވާ
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށެވެ.
ޝިފާއުގެ މައްޗަށް ކުށް ސާބިތުވިނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވި އެވެ.
މި މައްސަލާގައި، ޖަލު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް އިއުތިރާފު އެއްބަސްވުމެއް ހަދަން ވެސް ދައުލަތުން މީގެ ކުރިން ނިންމި އެވެ. އެކަމަކު، ގާޒީ ނަދީމް އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އެ ފުރުސަތު ނުދެއްވީ، އެ އިއުތިރާފު އެއްބަސްވުމަކީ، ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް ބަދަލު ލިބޭނެ ކަމުގެ ޔަގީންކަން ލިބޭނެހެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެވެ.
ފަހުން ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި އެވެ. ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.