އެ މަޖިލިހުން މިކަން ހާމަކޮށް ފަތުވާއެއް ނެރެފައި މިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އެރަށްރަށުގެ ރަމްޒެއްގެ ގޮތުގައި ދިރޭތަކެތި ސިފަވާގޮތަށް މޮނިއުމަންޓަ ހަދަމުން އަންނަ ދުވަސްވަރެއްގައެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ނެރުނު ފަތުވާގައި ބުނެފައިވަނީ އިސްލާމްދީނުގައި ދިރޭ ތަކެތީގެ ސިފައިގައި ބުދު ނުވަތަ މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ހަރާމް ކަމެއްކަމަށެވެ. މިގޮތުން މައްކާ ފަތަހަކުރެއްވި ދުވަހު ނަބިއްޔާ މުހައްމަދު صلى الله عليه وسلم ލާތަ އާއި އުއްޒާ އަދި މަނާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ސަހާބީން ފޮނުއްވިކަމަށާއި ސަހާބީންވެސް އެފަދަ ތަކެތި ނައްތަވައިލެއްވުމަށް ސަމާލުކަން ދެއްވިކަން ފަތުވާގައި ވަނީ ފާހަގަކޮށްފައެވެ.
އިލްމީ ފެންވަރު ދަށްވެ މީސްތަކުން ތެދުމަގުން އެއްކިބާވުމުގެ ނަތީޖާއެއްގެ ގޮތުން ކުރީގެ ސާލިހު އަޅުވެރިންގެ ހަނދާނުގައި ބަހައްޓާފައިވާ ބުދުތަކަށް އިހުގެ މީހުން އަޅުކަން ކުރަން ފެށިކަން ފަތުވާގައި ވަނީ ފާހަގަކޮށްފައެވެ. އެ ނުރައްކާތެރި އަމަލުގެ ނޭދެވޭ އަސަރުތައް ދެނެވަޑައިގެނ،ް އިބްރާހީމްގެފާނު އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު މިފަދަ ޝިރުކުގެ އަމަލުތަކުން ސަލާމަތްކޮށްދެއްވުމަށް އެދި الله ސުބުހާނަހޫ ވަތައާލާގެ ހަޒްރަތުގައި ދުއާ ދެންނެވިކަންވެސް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވެއެވެ.
ފަތުވާ މަޖިލިހުން މި ފަތުވާ ނެރުނު އިރު ދާދި ފަހުން މާލެ އަތޮޅު ހުރާގައި މާކަނައެއްގެ ސިފައިގެ ހެދި މޮނިއުމަންޓް ވަނީ ހަލާކުކޮށްލާފައެވެ. ހުރާ ބަނދަރުގައި އެ ރަށު ކައުންސިލުން ބަހައްޓާފައިހުރި މޮނިއުމެންޓް ބަޔަކު ހަލާކުކޮށްލީ އާއްމުކޮށް ހުޅުވާލިތަނާއެވެ.