ads
ރައީސް މުއިއްޒު ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ/ރައީސް އޮފީސް
ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް ކެނޑޭނެ ގޮތް ހަދަނީ
ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމުކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރު މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ފާޅުކުރުމުންނެވެ.

އެ ޝަކުވާ ހުށަހެޅި ބައެއް ވިޔަފާރިވެރިން ވަނީ އެފަދަ ހާލަތުގައި މީރާ އިން ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ފައިސާ ކަނޑަން ހުށަހަޅައިފަ އެވެ.

"ސަރުކާރުގެ އެސްއޯއީތަކުން އަދިވެސް އަޅުގަނޑުމެންނަށް ކުރީ ސަރުކާރުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި އެބަހުރި، އެހެންނަމަވެސް މީރާއަށް އަޅުގަނޑުމެން ދައްކަންޖެހޭ ޓެކްސް ހަމަ އޭގެ ޒާތުގައި ވަގުތުން ވަގުތަށް ދައްކަމުން ދާންޖެހޭ، މި ކަމުގެ ސަބަބުން ޓެކްސްގެ ޖޫރިމަނާ އަރައި މާލީ ދަތިކަމުގެ ތެރެއިން އަރައިގަންނަން ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި،" ބައްދަލުވުމުގައި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

އަދި ބައެއް ވިޔަފާރިވެރިން ވަނީ ކޮވިޑްގެ އާލަމީ ވަބާގައި ވިޔަފާރިތަކަށް ލިބުނު ބޮޑެތި ގެއްލުމުގެ ސަބަބުން، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި އަދިވެސް އަތްމަތި ދަތިވެފައިވާކަން ފާހަގަކޮށްފަ އެވެ. އެހެނިހެން ހަރަދުތައް ބަލަމުން މި ދަރަނި ދެއްކުން ދަތިކަން ބައެއް ވިޔަފާރިވެރިން ފާހަގަކުރިއެވެ. އެހެންކަމުން، އޭރު ސަރުކާރަށް ދައްކަންޖެހޭ ޓެކްސް މައާފުކުރުމަށް ވިޔަފާރިވެރިއެއް ވަނީ ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއިން ސަރުކާރުން އެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ކެނޑޭނެ ގޮތެއް ގާނޫނީ ގޮތުން ބައްލަވާނެ ކަމަށާއި އެކަމުގައި ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭން އޮތް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ވެސް ރަައީސް ރޭ ޖަވާބުދެއްވި އެވެ. ރައީސް ވިދާޅުވީ މި މަސް ނިމޭ އިރު ގިނަ ކުންފުނިތަކަކަށް ފައިސާ ދެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ 2.3 ބިލިއަން ރުފިޔާ ދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް، މިދިޔަ މަހު, ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް