އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ހިދުމަތް ދޭން ފެށުމަށް، ދެ އެއާލައިނެއްގެ އޮޕަރޭޓަރުން އަހުލުވެރި ކުރުމަށް ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާގެ ފްލައި މީ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮތީ ރާއްޖޭގައިކަމަށްވާއިރު، އާ ޓާމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރު ގާއިމް ކުރެވިފައި ވެއެވެ. ސީޕްލޭން ކައުންޓަރުތަކުގެ ހިދުމަތް ފަށާ ދުވަހެއް އެމްއޭސީއެލުން އަދި ނުބުނެ އެވެ.
އެމްއޭސީއެލްގެ އަމާޒަކީ ޕީކް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނަކަށް އެ ޓާމިނަލުން ހިދުމަތް ދިނުމެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހެދުމަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.