
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބު ކުރީ މިދިޔަ އަހަރުގެ އައިއޯއައިޖީ ބޭއްވި މޮރީޝަސްގެ އިންޓަކޮންޓިނެންޓަލް ހޮޓަލްގައި ބިޑް ހުށަހެޅުމަށް ބޭއްވި ހަފުލާގައި މަޑަގަސްކާ އަދި ކޮމޮރޮސްއާ ވާދަކޮށެވެ.
2023 ގައި އޮންނަ 11 ވަނަ އައިއޯއައިޖީ ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ އުފާވެރި ހަބަރު ޖުލައި 27 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ހާމަކުރެއްވިއިރު މީގެ ކުރިން ބޭއްވި އައިއޯއައިޖީ 10 މުބާރާތުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާ މިދަނޑިވަޅުގައި މި މުބާރާތައް ތައްޔާރުވާނެ ގޮތާއި މެދު ކޮންމެ ދުވަހަކު ވިސްނަވާ ކަމަށެވެ.
އެގޮތުން މި މުބާރާތައް ތައްޔާރުވުމުގެ ގިނަ މަސައްކަތްތައް ކުރާ ގޮތަށް ނިންމާފައި އޮތީ މިއަހަރުގައި ނަމަވެސް މިވަގުތު ފެންނަ މަންޒަރުތަކުން ފެނިވަޑައިގަންނަވަނީ މިކަމަކީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ.
އަދި މިއަހަރު އެކަން ނުވެދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިކަމުން އަރައިގަނެވުނުހާ އަވަހަކަށް މަޝްވަރާތައްކޮށް ޕޮލިސީ ލެވެލްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަކީ ރައީސް ސޯލިހުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވި ކަމެކެވެ. މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯއްދެވުމަށް ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި މަހްލޫފް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި ގޭމްސްގައި ވާދަކުރާ ގައުމުތަކަށް ވަޑައިގަތެވެ. އަދި އެ ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ކުޅިވަރުގެ ހާލަތު ކައިރިން ބެއްލެވި އެވެ
މި ގޭމްސް 1979 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވިއިރު މި މުބާރާތަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެވެ. އަދި ރާއްޖެއިން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ޖެހި އެންމެ ފުރަތަމަ ގޯލް ވެސް ޖެހީ މި މުބާރާތުގަ އެވެ. ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރީ މިހެންވެ އެވެ.